Last Updated: June 12, 06:38
Friday, June 12, 2026
ވިޔަފާރި

ހެރަތެރަ އަށް ކުރިމަތިލާނެ ބަޔަކު ނުވި!

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އައްޑޫގައި ހިންގާ ހެރަތެރަ ރިސޯޓް ހިންގާނެ ބަޔަކު ހޯދުމަށް ތަކުރާރުކޮށް މުއްދަތު އިތުރުކޮށްގެން ވެސް އެ ރަށަށް ކުރިމަތިލާނެ ބަޔަކު ނުވި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީޑީސީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު މަތީން ވިދާޅުވީ ސަބްލީސް އެގްރިމަންޓެއްގެ ދަށުން ނުވަތަ އެ ރަށް ގަނެގެން ހިންގާނެ ބަޔަކު ހޯދުމަށް ހުޅުވާލި އެންމެ ފަހުގެ ފުރުސަތު އިއްޔެ ހަމަވި އިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ 546 އެނދުގެ ރިސޯޓް ހިންގަން އެއްވެސް ބަޔަކު ކުރިމަތިލާފައި ނުވާތީ އެކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ހެރަތެރަ އަށް ޝައުގުވެރިވާނެ ބަޔަކު ނުވުމުން އެކަމާ ވަރަށް ހިތާމަ ކުރައްވާ ކަމަށް ވެސް މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެރަތެރަ އަށް އިންވެސްޓަރުން ޝައުގުވެރި ނުވާ ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ގަން އެއާޕޯޓް ތަރައްގީ ނުކުރެވި އޮތުން ކަމަށް ވެސް އެމްޓީޑީސީން ބުންޏެވެ.

މަތީން ވިދާޅުވީ ހެރަތެރަ ހިންގާ ބަޔަކަށް ގަން އެއާޕޯޓް އިންޓަނެޝަނަލް އެއާޕޯޓެއްގެ ގޮތުގައި އޮޕަރޭޓްވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެން ނަމަވެސް އެއާޕޯޓް ތަރައްގީ ކުރުމަށް ރޭވި ޕްރޮޖެކްޓް ވެސް އަދި ކުރިއަށް ނުގެންދެވި އެ އޮތުމުން އިންވެސްޓަރުންގެ ޝައުގުވެރިކަން ހެރަތެރަ އަށް ލިބުމުގައި ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެރަތެރޭގެ އެންވަޔަރަމަންޓަލް އިޝޫތަކެއް ވެސް އެބަހުރި ކަމަށާއި ރާއްޖޭގައި ޕްރެކްޓިސް ކުރެވޭ ބައެއް ގާނޫނުތައް އިންޓަނެޝަނަލް ޕްރެކްޓިސްތަކާ ބީރައްޓެހި ގޮތަކަށް ހުންނާތީ ވެސް އިންވެސްޓަރުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތަކުރާރުކޮށް މުއްދަތު އިތުރުކޮށްގެން ހެރަތެރަ ހިންގާނެ ބަޔަކު ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައި ވިޔަސް އެމްޓީޑީސީން ދެން ވެސް މަސައްކަތް ކުރާނީ "އަތްފުނާ އަޅައިގެން އިންވެސްޓަރަކު ލިބޭތޯ" ކަމަށެވެ. އެގޮތުން ކުރިއަށް ދެ ދުވަހެއްގެ ތެރޭގައި އެކަން ކުންފުނީގެ ބޯޑަށް ހުށަހަޅާނެ ކަމަށް މަތީން ވިދާޅުވި އެވެ.

ހެރަތެރަ މީގެ ކުރިން ހިންގަން ރާއްޖޭގެ ކުންފުންޏެެއް ކަމަށްވާ ޔޮޓް ޓްއާޒް އާއި ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕާ ހަވާލުކޮށްގެން ވެސް އެމްޓީޑީސީން ވަނީ ނާކާމިޔާބް ތަޖުރިބާތަކެއްކޮށްފަ އެވެ.