ބްރޯޑްކާސްޓް ކުރުމުގެ މިނިވަންކަން ނެތުމުގެ ސަބަބުން ދިޓީވީީ އާއި ދިއެފްއެމް މިރޭ 12:00 އން ފެށިގެން ހުއްޓާލަން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން މޯލްޑިވްސް އަދި މޯލްޑިވްސް މީޑިއާ ކޮމްޕެނީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެ ދެ ކުންފުނިން ހިންގާ ދިޓީވީ، ދިއެފްއެމް އަދި ދިޕްލަސް މިރޭ ދަންވަރު 12:00 އިން ފެށިގެން ހުއްޓާލާނެ ކަމަށެވެ.
މި މީޑިއާތައް ހުއްޓާލުމަށް ނިންމައި، ހުރިހާ މުވައްޒަފުންނަށް މިހާރު ތިން މަހުގެ ނޯޓިސް ދީފައިވާ ކަމަށާއި ތިން މަސް ވަންދެން އެ މުވައްޒަފުންނަށް ލިބޭ މުސާރަ ލިބެމުން އަންނާނެ ކަމަށް ވެސް ނޫސް ބަޔާނުގައި ވެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާގެ ހިއްސާ އޮންނަ ކުންފުނިން ހިންގަމުދާ ޗެނަލްތައް ވަރަށް ކުއްލި ގޮތަކަށް ހުއްޓުމަށް ނިންމުމާ ގުޅިގެން އެ ފަރާތުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
ނަމަވެސް "އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުން ޗެނެލްތައް ހުއްޓުމަށް ނިންމާފައި ވަނީ އެތެރޭގެ ފިއްތުންތައް ގިނަވެ، މިނިވަންކަމާ އެކު ބްރޯޑްކާސްޓް ކުރުމަށް ވަރަށް ބޮޑަށް ހުރަސް އެޅިފައިވާތީ އެވެ.