ނިމިގެން ދިޔަ ޔޫރޯ 2016 ގެ ފައިނަލުގައި ޕޯޗުގަލް އަދި ފްރާންސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ފްރާންސްގެ ޑިމިޓްރީ ޕަޔެޓް ކުރި ފައުލަކާއި ގުޅިގެން އަނިޔާވެ، އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރޮނާލްޑޯ ރިއަލްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.
ފައިނަލް މެޗުގައި އަނިޔާވުމަށްފަހު ދެފަހަރު މަތިން ދަނޑަށް އަރައި ކުޅުމަށް މަސައްކަތް ކުރިނަމަވެސް މެޗު ކުރިއަށް ނުގެންދެވުމުން ކޯޗު ވަނީ ރޮނާލްޑޯގެ އެދުމުގެ މަތިން ބަދަލުކޮށްފައެވެ.
އަނިޔާވެ ދަނޑުން ބޭލުމުން ގިނަ ބަޔަކު ހީކޮށްގެންތިބީ ޕޯޗުގަލް އަށް މެޗު ނިމުނީ ކަމަށެވެ. ނަމަވެސް ރޮނާލްޑޯ ވަނީ ސައިޑުލައިނުގައި ކޯޗުގެ މަގާމު އަދާކޮށްފައެވެ.
މެޗަށް ފަހު ޕޯޗުގަލް ގެ ފިސިއޯ ޓީމުން ވަނީ ރޮނާލްޑޯގެ ފަޔަށް ލިބުނު އަނިޔާ ހީކުރި ވަރަށްވުރެ ބޮޑު ކަމަށެވެ. އަދި އެއްކޮށް ފިޓު ވާން މަހެއް ހާދުވަސް ނަގާނެ ކަމަށްވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.
އެހެންކަމުން ޔުއެފާ ސުޕަ ކަޕުގައި ޔޫރޮޕާ ލީގު ޗެމްޕިއަންއާ ބައްދަލު ކުރި މެޗުގައި ރޮނާލްޑޯއަށް ނުކުޅެވުނެވެ. ނަމަވެސް ރޮނާލްޑޯގެ ބައިވެރިވުމާ ނުލައި ރިއަލް ވަނީ ސުޕަ ކަޕު ކާމިޔާބުކޮށްފައެވެ.
ސުޕަ ކަޕަށް ފަހު ލީގު ފެށުމަށް ޓީމު ތަކުން ތައްޔާރު ވަމުންދާއިރު ރޮނާލްޑޯ ވަނީ އިއްޔެ ޕެޕޭ އާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.
ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ ފަރިތަކުރުންތަކަށް ނިކުތް ހަތަރު ކުޅުންތެރިން މިހާރު ކުރަމުންދަނީ ފިޓްނަސް ލެވަލް ރަނގަޅު ކުރުމުގެ މަސަތްކަތް ކަމަށާއި ރޮނާލްޑޯ ފިޔަވައި އެހެން އެއްވެސް ކުޅުންތެރިއެއްގެ އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ.
އަނިޔާގެ ސަބަބުން ބޮޑަށް ބެލެވެނީ ލީގުގެ ފުރަތަމަ މެޗު ރޮނާލްޑޯ ފަށާނީ ބެންޗުންނެވެ.