Last Updated: June 12, 06:38
Friday, June 12, 2026
ވިޔަފާރި

އިމާރާތްތައް ތިމާވެއްޓާ ރައްޓެހިކޮށް ހެދުމަށް ރައީސް އެދިވަޑައިގެންފި

ރާއްޖޭގައި ހަދާ ޢިމާރާތްތަކަކީ، ތިމާވެއްޓާ ރަޙްމަތްތެރި، ހަކަތަ ސަލާމަތް ކުރެވޭ ޢިމާރާތްތަކަކަށް ހައްދަވައި ދެއްވުމަށް މަސައްކަތްކޮށް ދެއްވުމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އެދިވަޑައިގެންފި އެވެ.

ރައީސް މިކަމަށް އެދިވަޑައިގަތީ، މޯލްޑިވްސް އެސޯސި އޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިންތިޒާމްކޮށްގެން މިއަދު ހުޅުވި ބާއްވާ "ބިލްޑް އެކްސްޕޯ 2013" އިފްތިތާޙް ކުރުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެ އަށް ލިބޭ އާމްދަނީގެ ހަތަރުބައިކުޅަ އެއްބައި ތެލަށް ޚަރަދު ކުރާކަން ހާމަކުރައްވަމުން، ތެލުގެ ޚަރަދު ކުޑަވާގޮތަށް ޢިމާރާތްތައް ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ހުރިހާ ތަނެއް އަބަދު އެއަކޯންކޮށްފައި ބެހެއްޓުމަށް ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަމަށާއި، ފަރުދުންގެ ޖީބަށް ކުރާ އަސަރުގެ އިތުރަށް، މުޅި އިޤްތިޞާދަށް ވެސް އެކަމުގެ އަސަރު ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މަސީން ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާކަން ފާހަގަ ކުރެއްވި އެވެ. އަދި މި އެކްސްޕޯ ހުޅުވުމަކީ، ރާއްޖޭގައި ކޮންސްޓްރަކްޝަން ޞިނާޢަތް ތަރައްޤީ ކުރެއްވުމަށްޓަކައި އެ ޖަމާޢަތުން ވަރަށް ގިނަ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމުގެ ފުރިހަމަ ދަލީލެއް ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ޞިނާޢަތު މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި، ސަރުކާރުގެ ފަރާތުން ކުރެވެން ހުރި ކަންތައްތައް ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިކަންކަން ފުރިހަމަ ކުރެއްވުމަށްޓަކައި މަސީ އާ ގުޅިވަޑައިގެން، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރުން މި އަހަރު މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މި މަސައްކަތްތަކުގެ ތެރެއިން، ބިލްޑިން ކޯޑް މުޅިން ނިންމަވައި، ރައްޔިތުންގެ މަޖިލިސް މެދުވެރިކުރައްވައި، ޤާނޫނެއްގެ ސިފަ ގެންނަވައި، އޭގެ ކުރިން ވެސް މިހާރު ހުރި ޤަވާޢިދުތަކަށް ގެންނަވަން ޖެހޭ އިސްލާހުތައް ގެނެސް ދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، މަސައްކަތް ކުރާ ތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަދައްކާ އިރު މަސައްކަތްތެރިންގެ ޙައްޤުތަކާ ދޭތެރޭގައި ވިސްނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި މި ޞިނާޢަތުގައި ވީހާވެސް ގިނަ ޒުވާނުން މަސައްކަތް ކުރުމަކީ ވެސް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ބޭނުންވާ އެކިއެކި ހުނަރުތައް ދަސްކޮށް ދެއްވުމަށްޓަކައި މަސީގެ ފަރާތުން އިސް ނަންގަވައިގެން މިބާވަތުގެ ތަމްރީނު ދޭ މަރުކަޒެއް ޤާއިމު ކުރެއްވުމަށް މަސައްކަތް ކުރައްވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުން ވެދެއްވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިއްސައިގެންދާ ވަރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަށް އަންނަ ކަމަށާއި، ރާއްޖެ އާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވެގެން ދިޔަ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅު ވިއެވެ. އަދި ބޭރުގެ ކުންފުނިތަކާ ގުޅިގެން ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ހިންގެވުމަށް މަސައްކަތް ކުރެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.