Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ނަޝީދުގެ ބޮޑީގާޑަކާއި އިތުރު ސިފައިންތަކެއް ބަންދުކޮށްފި

ބަންދު ކުރި ނަޝީދުގެ ބޮޑީގާޑް ވާތް ފަރާތުގައި.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑަކާއި އިތުރު ސިފައިންތަކެއް ހައްޔަރުކޮށް ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދުގެ ބޮޑީގާޑުގެ އިތުރުން ތިން ސިފައިންނެވެ. ހައްޔަރު ކުރެވުނު ސިފައިން ހައްޔަރުކޮށްފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް އަދި އެނގިފައެެއް ނުވެ އެވެ.

ނަމަވެސް ހައްޔަރު ކުރެވިފައިވާ ކުރީގެ ރައީސް ނަޝީދުގެ ބޮޑީގާޑު، ފައްތާހު ހައްޔަރުކޮށް ސިފައިންގެ މައިމަރުކަޒުގައި ބަންދުކުރެވިފައިވާކަން، އާއިލާއިން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

އަދި ފައްތާހާއި އެކު އިތުރު ތިން ސިފައިން ބަންދު ކުރެވިފައިވާކަން "އައްޑޫ ލައިވް" އަށް އިތުބާރު ހުރި ގޮތަކަށް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ބަންދު ކުރި ނަޝީދުގެ ބޮޑީގާޑް.
ބަންދު ކުރި ނަޝީދުގެ ބޮޑީގާޑް.

ނަމަވެސް އެމްއެންޑީއެފް ގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވެފައިވަނީ ސިފައިންގެ ބަޔަކު ހައްޔަރުކުރިޔަސް އެފަދަ ވާހަކަތަކަކީ މީޑިޔާތަކާއި ހިއްސާ ކުރެވޭ ވަރުގެ ވާހަކަތަކެއް ނޫން ކަމަށެވެ.

ސިފައިންގެ ބަޔަކު ހައްޔަރު ކުރެވިފައިވާކަން އިންފޮމޭޝަން އޮފިސަރު ދޮގުކޮށްފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

ސިފައިންގެ ބަޔަކު ހައްޔަރުކުރެވިފައިވާއިރު، މިހާރު ސިފައިންނަށް އިސްވެރިއެއްގެ ހުއްދަ ނެތި، ވަޒީރުންނާއި، ރައީސް އައްޔަން ކުރައްވާފައިވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި ގާނޫނަކުން ކަނޑައަޅާފައިވާ އިންތިޚާބެއްގައި ބައިވެރިވާ ކެނޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުންނާ ބައްދަލުކުރުން ވަނީ މަނާކޮށްފަ އެވެ.