Last Updated: June 12, 06:38
Friday, June 12, 2026
ސިޔާސީ

"ޔަންގް ލީޑަޒް ސަމިޓް" އަށް ފުރުސަތު ހުޅުވާލައިފި

އަންނަ މާޗް 10-13 އަށް އިގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ އިންޓަނޭޝަނަލް ޑިމޮކްރަޓް ޔޫނިޔަންގެ "ޔަންގް ލީޑަޒް ސަމިޓް" ގައި ބައިވެރިވުމަށް އެމްޑީޕީ އަށް ދައުވަތު ލިބިފައިވާތީ އެ ސަމިޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން ފެބްރުއަރީ 3 ވަނަ ދުވަހު ހަވީރު 4:00 ޖެހުމުގެ ކުރިން އެމްޑީޕީ ސެކްރެޓޭރިއެޓް ނުވަތަ [email protected] އީމެއިލަށް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ކަމަށެވެ.

މި ސަމިޓަކީ ދުނިޔޭގެ ސިޔާސީ ޕާޓީތަކުގެ ޒުވާން ލީޑަރުންގެ މަޝްވަރާތަކާއި އަދި ސިޔާސީ ފިކުރު އެއްގޮތްވާ ޕާޓީތަކުގެ މަޝްވަރާ ބައްދަލުވުމެކެވެ. އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ އިސްވެރިންގެ ބައްދަލުވުންތަކާއި ސިޔާސީ ވެރިންގެ ހާއްސަ ބައްދަލުވުންތައް ވެސް އެމްޑީޕީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން 1 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބިފައި ވަނީ އިގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ފަރާތުންނެވެ.

ސަމިޓަށް ދާ މީހެެއްގެ ޚަރަދުތައް ހަމަޖެހިފައިވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

ސަމިޓަށް މީހަކު ހޮވުމަށް ބަލާ ކަންތައްތަކުގެ ތެރޭގައި އުމުރުން 35 އަހަރުން ދަށުގެ އެމްޑީޕީ މެމްބަރެއް ކަމުގައިވުން، ޕާޓީގެ ހަރަކާތްތަކުގައި މަދުވެގެން 2 އަހަރު މެދުކެނޑުމެއް ނެތި ބައިވެރިވެފައިވުން، ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތާއި އަދި ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާ، ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަން އެނގުން އަދި އިނގިރޭސި އާއި ދިވެހި ބަހުން ރިޕޯޓު ލިޔެ ވާހަކަ ދައްކާން އެނގުން ހިމެނެ އެވެ.