އިދިކޮޅު އިއްތިހާދުން އިންތިޒާމް ކުރާ ވެހިކަލް ބުރެއް މިއަދު ހަވީރު 4 ޖަހާއިރު އެމްޑީޕީ ހިތަދޫ ހަރުގެ ކުރިމަތިން ފަށާގޮތަށް ހަމަޖެހިއްޖެ އެވެ.
ބުރު އިންތިޒާމް ކުރާ ފަރާތުން ބުނީ، ހަވީރު 4 ޖަހާއިރު ފަށާ ބުރު ގުޅިފައިވާ ހުރި ރަށެއްގައި ބާއްވާއިރު ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދޭ ކަމަށެވެ.

ސިޔާސީ ހަރަކާތް އައްޑޫގައި މަޑުޖެހިފައި އޮތުމަށްފަހު، އާ ރޫހެއްގައި މިހާރު އަލުން ވަނީ ފެށިފައެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި އިއްތިހާދުގެ ޖަލްސާއެއް ހިތަދޫގައި ބާއްވާފައިވާ އިރު، ކަންމަތީ ބައްދަލުވުން ތަކާއި ހަވީރު ސައި ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
އިއްތިހާދުން ވެހިކަލް ބުރަކަށް ތައްޔާރުވެފައިވާ އިރު، އައްޑޫގައި ދަތުރުފަތުރު އިފްތިތާހް ކުރުމަށް ބޭއްި ރަސްމިއްޔާތާއި ގުޅުގެން ސަރުކާރަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ވެހިކަލް ބުރެއް ބާއްވާފައެވެ. އެ ބުރުގައި ލިންކް ރޯޑުގައި ހެލްމެޓް އަޅަން ޖެހޭ ހިސާބުތަކުން ހެލްމެޓް ނާޅާ ދުއްވުމަށް ހުއްދަ ދޫކުރިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.