Last Updated: June 28, 13:55
Sunday, June 28, 2026
ކުޅިވަރު

ޕޮގްބާ އަށް ސީޒަނުގެ ފުރަތަމަ މެޗްގައި ނުކުޅެވޭނެ

ދުނިޔޭގެ ރިކޯޑު ޓްރާންސްފާ އަގަކަށް މެންޗެސްޓާ ޔުނައިޓެޑާއި ގުޅުން ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެ ކަމަށް އިނގިރޭސި އެފްއޭ އިން ކަށަވަރުކޮށް ދީފި އެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ކަޕުގެ ފައިނަލުގައި ޕޮގްބާ އަށް ދެއްކި ރީނދޫ ކާޑުގެ ސަބަބުން ދެން ކުޅޭ ފުރަތަމަ ލީގު މެޗުން ޕޮގްބާ ވަނީ ސަސްޕެންޑުވެފަ އެވެ.

ޕޮގްބާ އަށް ލީގުގެ ފުރަތަމަ މެޗުން ސަސްޕެންޑުވެފައިވަނީ ކޮޕަ އިޓާލިއާގައި ދެ ރީނދޫ ކާޑު ދެއްކުމުންނެވެ.

އޭނާއަށް ނުކުޅެވޭނެކަމަށް އިނގިރޭސި އެފްއޭ އިން އަންގާފައިވަނީ މިއަދުގެ ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ބައިވެރިވެސް ވެފައިވަނިކޮށެވެ.

ޕޮގްބާ ޓީމާއި ގުޅެންދެން ގިނަ ދުވަސްތަކެއް ވަންދެން ސަޕޯޓަރުން ވަނީ ކެތްތެރިކަމާއެކު އިންތިޒާރުކޮށްފައެވެ. ކުލަބަށް އައުމަށް ފަހު އޭނާގެ ޖާދޫ ބަލަން ކެތް މަދުވެފައި ތިބި ސަޕޯޓަރުންނަށް އަނެއްކާވެސް އިތުރު އެއް ހަފްތާ މަޑު ކުރަން މިހާރު ވަނީ މަޖުބޫރުވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ސީޒަނުގެ ފުރަތަމަ މެޗުގައި ނިކުންނާނީ ރަށުން ބޭރުގައި ބޯންމައުތްއާއި ދެކޮޅަށެވެ. މާދަމާ ސީޒަނުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޗެމްޕިއަން ލެސްޓާ ސިޓީ އަލަށް ޕްރޮމޯޓްވި ހަލް ސިޓީއާ ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު 4:30 ގައެވެ.