Last Updated: May 6, 15:02
Monday, May 6, 2024
ޚަބަރު

ފުރަތަމަ ހަ މަހުގެ އާމްދަނީ އަށް އެންމެ ހަތް މިލިއަން

މި އަހަރުގެ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ އެންމެ ހަތް މިލިއަން ރުފިޔާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން އާންމު ކުރި ފާއިތުވި ހަ މަހުގެ ރިޕޯޓްގައިވާ ގޮތުން ހަ މަހުގެ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7،338،488ރ. އެވެ.

އެހެން ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އާމްދަނީގެ ގޮތުގައި ކައުންސިލަށް 19،010،189.69ރ. ލިބިފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.

ކައުންސިލުން ބުނީ މި އަހަރުގެ ފުރަތަަމަ ހަ މަސް ދުވަހުގެ އާމްދަނި އެހާ ބޮޑަށް ދަށްވީ އައްޑޫގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިދުމަތްތައް ފެށިގެން ދިއުމާ އެކު ކައުންސިލަށް ނެގޭ ފީތައް މަދުވެ، ލިބޭ އާމްދަނީ ދަށްވުމުން ކަމަށެވެ.

މި އަހަރު އާމްދަނީ ދަށްވި ނަމަވެސް ރައްޔިތުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަަމަށް ކައުންސިލުން ބުންޏެވެ.

މި އަހަރަށް ކައުންސިލުން ފާސްކޮށްފައި ވަނީ 50،151،929.04ރ. ގެ ބަޖެޓެކެވެ.

އެއީ ކައުންސިލަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 22،945،424.04ރ. އާއު ފިނޭންސް މިނިސްޓްރީން ކައުންސިލަށް މި އަހަރު ގްރާންޓްގެ ގޮތުގައި ދޭން ކަނޑައެޅި 27،331،685ރ. އާ އެކުގަ އެވެ.