މިހާރު ކުރިއަށްދާ އޮލިމްޕިކްސް ގޭމްސްގެ 100މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ހީޓުގައި ގައުމީ ދުވުންތެރިޔާ ހަސަން ސާއިދު ވާދަކޮށް ހީޓުގެ އެއްވަނަ ހޯދައިފި އެވެ.
މިބުރުގައި 22 ކުޅުންތެރިޔަކު ދެ ހީޓުގައި ދުވެފައިވާއިރު ސާއިދު ވަނީ އެންމެ އަވަހަށް ރޭސް ނިންމައިގެން ހީޓުގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރި ދުވުންތެރިޔާއަށް ވެފައެވެ.
މިއަދުގެ ރޭސް 10:43 ސިކުންތުން ސާއިދު ނިންމި އިރު، އޭނާ ވަނީ 50 މީޓަރާ ހަމައިން ނެގި ލީޑާ އެކު، ރޭސް ނިންމީ ބޮޑު ތަފާތަކާ އެކު ކުރީގައި އޮވެގެންނެވެ.
ފުރަތަމަ ބުރުގައި ސާއިދު ވާދަކުރާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރެވެ. ފުރަތަމަ ބުރުގައި ވާދަކުރާނީ ޕްރިލިމިނަރީ ބުރުގެ އެންމެ ސްޕީޑް ބާރު ހަ ދުވުންތެރިންނާއި އޮލިމްޕިކްސް އަށް ކޮލިފައިވެފައިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ދުވުންތެރިންނެވެ. ފުރަތަމަ ބުރަށް ފަހު ކުރި ހޯދާ އެތުލީޓުން ސެމީ ފައިނަލަށް ހޮވޭއިރު ސެމީ އާއި ފައިނަލް އޮންނާނީ ހޯމަ ދުވަހުގެރެ އެވެ.
މިއަދު ހޯދި ކާމިޔާބާއެކު ސާއިދު ވެފައިވަނީ އޮލިމްޕިކް ހީޓެއް ކާމިޔާބުކުރި ފުރަތަމ ދިވެހި ދުވުންތެރިޔާއަށެވެ.