އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ޕާކް ކޮށްފައި ހުރި ސައިކަލެއް ނައްޓާލި ވަގުތު ކަހާލައިގެންނެވެ.
"ސައިކަލް ނައްޓާލި ވަގުތު އެހިސާބުގެ މަގުގައި އޮތް ވެލިގަނޑަކަށް އެެރުމަށް ފަހު ސައިކަލް ކަހާލައިގެން ވެއްޓުނީ. ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ނޫން." މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުންޏެވެ.
މާސްޓާރ ވީޑިއޯ ކައިރިން ހިނގި މިއެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާގެ އަތް ބިންދައިގެން ގޮސްފައިވާއިރު ސައިކަލްގެ ފަހަތުގައި އިން ޒުވާނާއަށް ވެސް ވަނީ އަނިޔާވެފައެވެ.
ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްގައި ޒަޚަމްވި 2 ޒުވާނުންގެ ހާލު ވެސް "ސްޓޭބްލް" އެވެ.
އެކްސިޑެންޓް ހިނގުމާއި އެކު ހޮސްޕިޓަލަށް ގުޅި ނަމަވެސް، އެމްބިއުލާންސް އަށް އެކްސިޑެންޓް ހިނގި ސީން އަށް އާދެވުނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން ކަމަށް ވެއެވެ. އޭރު ޓެކްސީ އެއްގައި އަނިޔާވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.