Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ކަންބޮޑުވުންތަކާ އެކު ކައުންސިލަރުން މާލެ އަށް

އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓްރީތަކަށް ހިއްސާ ކުރުމަށް އައްޑޫގެ ކައުންސިލަރުން މާލެ ވަޑައިގެންފި އެވެ.

އައްޑޫގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބް ވިދާޅުވީ، 2017 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އައްޑޫގެ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތައް މިނިސްޓްރީ ތަކުގެ ސަމާލްކަމަށް ގެނައުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައި، މުޅި ކައުންސިލް އެކުގައި ތަފާތު މިނިސްޓްރީތަކާއި އެކު ބައްދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީ އާއި ބައްދަލުކޮށް، އައްޑޫގެ ބައެއް ސްކޫލްތައް އެއްކުރުމަށް ނިންމާފައިވާ ނިންމުންތަކާއި ގުޅިގެން ހުރި ކަންބޮޑުވުންތައް މިނިސްޓްރީ އާއި ހިއްސާ ކުރާނެ ކަމަށެވެ.

"އައްޑޫގެ ސްކޫލްތައް އެއްކުރާއިރު، ސްކޫލްތަކަށް ކްލާސް ރޫމް، ހޯލް އެބަ ބޭނުންވޭ، އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ އެބަހުރި، ކައުންސިލަށް ގާނޫނުން ލާޒިމްކުރާ އެއްވެސް ޒިއްމާއެއް އަދާކުރެވޭނެ ޖާގައެއް މިހާރަކު ނެތް. އެހެންވެ ކަންބޮޑުވުން ތައް ހިއްސާކޮށް، އެވާހަކަ އިއްވަން މިދަނީ،" އޭނާ ވިދާޅުވި އެވެ.

ޠައްޔިބް ވިދާޅުވީ އައްޑޫގެ މިސްކިތްތައް ނުބެލެހެއްޓިގެންދާއިރުވެސް އިސްލާމިކް މިނިސްޓްރީން އަޅާނުލާ ކަމަށެވެ.

އަދި ސަރުކާރުން އައްޑޫގައި އަޅާނެ ކަމަށް ބުނާ އިސްލާމީ މަރުކަޒުގެ މަސައްކަތް އޮތް ހިސާބަކާއި، އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ގޮތް އޮޅުން ފިލުވާނެ ކަމަށެވެ.

އަދި ހޮސްޕިޓަލާއި، މަގާއި އެނޫންވެސް އައްޑޫގެ ތަރައްޤީ އާއި ގުޅުން ހުރި ހުރިހާ ފަރާތްތަކާއި އެކު ބައްދަލު ކުރާނެ ކަމަށް ޠޮއްޔިބް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނު ސިޓީ ކައުންސިލަށް ދީފައިވާ ބާރު ހަނިކޮށް، އައްޑޫ ސިޓީ ކައުންސިލަށް މިހާރު މަތިކޮށްފައިވަނީ ވިހާ މަރުވާ ބެލެހެއްޓުމެވެ.

މިދިޔަ އަހަރު ވެސް ކައުންސިލުން މިފަދަ ދަތުރެއް މާލެ އަށް ކުރި އެވެ.