Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

އީސީސީ ހޮސްޕިޓަލަށް ނަގާނީ 18 މަސް: މުއިއްޒު

އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ކުރާ މަަސައްކަތަށް ނަގާނީ 18 ވަރަކަށް މަސް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ލިބިފައިވާ 12.5 މިލިއަން ޑޮލަރާއި އޯޕެކް ފަންޑް ފޮ ޑިވެލޮޕްމަންޓް (އޯފިޑް) އިން 8.5 ލިބިފައިވާ މިލިއަން ޑޮލަރުގެ ލޯނު އެހީގައި ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއަށް ބޭނުންވާ ކޮންސަލްޓެންސީ ދިނުމަށް މިހާރު ވަނީ ޕްރޮކިއުމަންޓް މެނޭޖަރެއް ހޯދަން ވެސް އިއުލާންކޮށްފަ އެވެ.

ދައުލަތުގެ މީޑިއާޕީއެސްއެމްގައި މުއިއްޒު ވިދާޅުވީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާތާ ގިނަވެގެން 18 މަސް ދުވަހުގެ އީސީސީގައި ހޮސްޕިޓަލް ޤާއިމްކުރުމުގެ މަސައްކަތް ނިންމޭނެ ކަމަށެވެ.

މިނިސްޓަރު އަދި ވިދާޅުވީ މި މަޝްރޫއަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އާއި ބޭރުގެ ފަންޑު ކުރާ އެޖެންސީތައް ޝަރުތުކުރާ އިންޖިނިއާސް އެސެސްމަންޓް ވެސް މިހާރު ބަޔަކާ ޙަވާލުކޮށްގެން ހަދާފައިވާ ކަަމަށެވެ.

މުއިއްޒު ވިދާޅުވީ އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ ގިނަވެގެން އަށާރަ މަސް ދުވަހުގެ ތެރޭގައި އެއްކޮށް ހޮސްޕިޓަލް ނިންމުން. އެހެންކަމުން ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރެވިފައިވާކަމަށާއި ޓެންޑަ ކުރުމަށްޓަކައި ބަޔަކާ ޙަވާލު ކުރުމަށް ޑީޓެއިލް ޑިޒައިން ޓެންޑަރަށް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަން ކުރުމަށްޓަކައި ޓެންޑަ ޑޮކިޔުމަންޓްސް ތައްޔާރު ކުރެވި މިހާރު ފިނޭންސް މިނިސްޓްރީ އަށް ވަނީ ފޮނުވާފައި."

މިނިސްޓަރު ވިދާޅުވީ ފަންޑު ހޯދުމަށް ފަންޑިން އެޖެންސީތަކަށް ގުޅައިގެން އެކަމަށް ވަރަށް ބާރު އަޅަމުން އަންނަ ކަމަށެވެ.

އަދި ކަމާބެހޭ ފަރާތްތަކުގެ އެޕްރޫވަލް ޓެންޑަ ޑޮކިޔުމަންޓަށް ލިބުނުހާ އަވަހަކަށް ޓެންޑަރަށް ހުޅުވާލައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.