Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

ކައުންސިލްގެ ދަރަނި 12 މިލިއަނަށް އަރާ: މޭޔަރު

މޭޔަރު އަބްދުﷲ ސޯދިގް މިދިޔަ ޑިސެމްބަރު މަހު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި. ފޮޓޯ/ މަޖިލިސް އިދާރާ

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދަން ފަށާފައި ހުރި ތަފާތު މަޝްރޫއުތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ހުރުމުގެ ސަބަބުން ކައުންސިލްގެ ދަރަނި 12 މިލިޔަނަށް އަރާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަދި މިދިޔަ އަހަރުގެ ބަޖެޓްގެ ތެރެއިންނާއި އެހެނިހެން ގޮތް ގޮތުން ސަރުކާރުން ކައުންސިލަށް ލިބެން ޖެހޭ 20 މިލިޔަން ރުފިޔާ އެބަ ނުލިބި އެބަހުރި ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގެ ތަރައްގީ އަށް ހިންގާފައިވާ ތަފާތު އެކި މަޝްރޫއުތަަކަށް ދައްކަން ޖެހޭ ފައިސާ ދެއްކޭނީ ސަރުކާރުން ލިބެން ޖެހޭ ފައިސާ ލިބިގެން ކަމަށެވެ. އޭނާ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް މިދިޔަ އަހަރު ހިންގާފައިވާ މަޝްރޫއުތަކަށް ދައްކަން ޖެހޭ ފައިސާ ހޯދުމަށްޓަކައި މިދިޔަ މަހު ފަހުކޮޅު ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާ ބައްދަލު ކުރައްވައި، ސަރުކާރުން ދޭން ޖެހޭ 20 މިލިޔަން ރުފިޔާގެ ތެރެއިން 12 މިލިޔަން ރުފިޔާ ހަމަޖައްސައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް ސަރުކާރުން އެކަމަށް އަދި އިޖާބަ ދެއްވާފައި ނުވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.

ކައުންސިލުން ބުނީ މިދިޔަ އަހަރު ސަރުކާރުން ކައުންސިލަށް ދީފައި ވަނީ 64 މިލިޔަން ރުފިޔާ ކަމަށެވެ އޭގެ ތެރެއިން ގާތްގަޑަކަށް 10 މިލިޔަން ރުފިޔާ އުނިވެގެން ދިޔަ ކަމަށާއި ބަޖެޓުގެ ތެރެއިން ރިކަރެންޓް ހަރަދު ތަކަށް ލިބުނީ 18 މިލިޔަން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
އަދި އޭގެ ތެރެއިން 15 ޕަސެންޓް އުނިކުރުމުން ކައުންސިލުން ބޭނުން ކުރަން ލިބުނީ އެންމެ 8 މިލިޔަން ރުފިޔާ ކަމަށެވެ.

މޭޔަރު ވިދާޅުވީ ދެން އައްޑޫ ސިޓީގެ ތަރައްގީ އަށް ހިންގާފައިވާ ޕްރޮޖެކްޓްތަކަށް އަންދާޒާ ކުރެވޭ ގޮތުގައި 12 މިލިޔަން ރުފިޔާ އަރާނެ ކަަމަށެވެ. މުސާރައި ކޯޑުގެ ގޮތުގައާއި އަދި ވެސް އެހެނިހެން ގޮތް ގޮތުން ސަރުކާރުން ލިބެން ޖެހޭ އެއްޗެއްގެ ގޮތުގަ 20 މިލިޔަން ރުފިޔާ ހުންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

ސޯބެ އަދި ވިދާޅުވީ ބަޖެޓްގެ ދަތިކަމާ ހުރެ ކައުންސިލަށް ފަންނީ މާހިރުންގެ ގޮތުގައި ބޭނުންވާ މީހުން ވެސް ހޯދޭނެ ގޮތެއް ނެތް ކަމަށެވެ. އިދާރީ ގޮތުން ވެސް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލަށް މިއަހަރު ލިބުނު ބަޖެޓާ ބެހޭ ގޮތުން ސޯބެ ވިދާޅުވީ ކައުންސިލުން ބަޖެޓް ތައްޔާރު ކުރުމަށް ފަހު ކައުންސިލަށް ބޭނުންވާ ބަޖެޓްގެ ގޮތުގައި ފިނޭންސް އަށް ފޮނުވާފައި ވާނީ 159 މިލިޔަން ރުފިޔާ ކަމަށެވެ.

އެހެން ނަމަވެސް ބަޖެޓް ފާސްވެގެން ދިޔަ އިރު އައްޑޫ ސިޓީ ކައުންސިލަށް ކަނޑައަޅާފައި ވަނީ އެންމެ 33 މިލިޔަން ރުފިޔާ ކަމަށް ކައުންސިލުން ބުންޏެވެ.
މޭޔަރު ވިދާޅުވީ 33 މިލިޔަން ރުފިޔާ އަކީ ކައުންސިލް ހިންގުމަށް ދައުލަތުން ދޭ ބަޖެޓްގެ ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ އަހަރީ ބަޖެޓްގެ ތެރެއިން ކައުންސިލް ހިންގުމަށްޓަކައި ދޭ އެހީއެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަ ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން އައްޑޫ ސިޓީ ކައުންސިލަށް ދޭން ކަނޑައަޅފައިވާ މިންވަރު ބަލާ އިރު ކައުންސިލް ހިންގޭނީ ތިން މަހަށް ކަމަށާއި އޭގެ ފަހުން ކައުންސިލް އިދާރާ ޖެހޭނީ ބަންދު ކުރަން ކަމަށެވެ.

ސޯބެ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ކަރަންޓަށް ވެސް މަހެއްގެ މައްޗަށް ހަތްލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން ތިން މަސް ފަހުން ކައުންސިލުން އެފަދަ ހަރަދު ތައް ވެސް ކުރެވިދާނެ ކަމަށް ގަބުލު ނުކުރައްވާ ކަމަށް މޭޔަރު ވިދާޅުވި އެވެ..

ސޯބެ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ މަގުތައް މި އަންނަ އެޕްރީލް މަހު ނިމުމަށް ފަހު އެ މަގުތަކުގައި ކައުންސިލުން ކުރަން ޖެހޭ ކަންތައްތައް ވެސް ނުކުރެވޭނެ ކަމަށެވެ.
އެގޮތުން މަގުތަކުގައި ހަރު ކުރަން ޖެހޭ ތަފާތު އެކި ބޯޑްތަކާއި އަދި މަގުތަކުގެ މަރާމާތަށްޓަކައި ކުރަން ޖެހޭ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.