Last Updated: June 28, 13:55
Sunday, June 28, 2026
ކުޅިވަރު

މޮޅަކާ އެކު މެންޗެސްޓަ ޔުނައިޓެޑް ސީޒަން ފަށައިފި

ގޯލު ޖެހުމަށް ފަހު އިބްރާ އުފާ ފާޅުކުރަނީ: ފޮޓޯ-ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑް އޭއެފްސީ ބޯންމައުތްގެ މައްޗަށް 1-3 ގެ ނަތީޖާއިން ކުރިހޯދައި ފަސޭހަ މޮޅަކާއެކު ސީޒަން ފަށައިފިއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ބޮޑު ބައި ބޯންމައުތްއިން ރަނގަޅަށް ކުޅެފައިވަނިކޮށް ފުރަތަމަ ހާފު ނިމެން 5 މިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑުން ވަނީ ގޯލު ޖަހާފައެވެ.

ބޯންމައުތް ޑިފެންޑަރަކު ކީޕަރަށް ޕާސް ކުރި ބޯޅައެއް ނަގައިގެން ޔުނައިޓެޑުގެ މިޑްފީލްޑަރު މަޓާ ވަނީ ގޯލު ޖަހާފައެވެ. ފުރަތަމަ ހާފު ލީޑުގައި ނިންމާލައިގެން ޔުނައިޓެޑު ދެވަނަ ހާފަށް ނުކުމެފައިވަނީ އާ ހިތްވަރަކާއެކީއެވެ.

މެޗުގެ ދެވަނަ ގޯލު 60 ވަނަ މިނެޓުގައި ޖަހާފައިވަނީ ކެޕްޓަން ވޭން ރޫނީއެވެ. ރޫނީގެ ފަރާތުން އާދައިގެ ކުޅުމެއް މެޗުގައި ފެނުނު ނަމަވެސް އޭނާވަނީ އާދައިގެމަތިން ގޯލު ޖަހަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފާފައެވެ.

ޔުނައިޓެޑުގެ ފަހު ގޯލު މިއަދު ޕްރިމިއާ ލީގަށް އަލަށް ނިކުތް އިބްރަހިމޮވިޗް ޖަހާފައިވާއިރު އޭނާ ގޯލު ޖަހާފައިވަނީ 25 ޔާޑު ބޭރުންނެވެ. ތިރިތިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ކީޕަރަށް މަތަ ކުރެވޭގޮތެއް ވަނީ ނުވެފައެވެ.

އިބްރާ ގޯލު ޖެހިތާ 5 މިނެޓު ފަހުން ބޯންމައުތްގެ ސްމިތް ވަނީ ޔުނައިޓެޑުގެ ކީޕަރު ޑެހެޔާ އޭނާގެ ކައިރި ޕޯސްޓުން ބާރަ ބޯޅައެއް ފޮނުވާ ބަލިކޮށްފައެވެ.

ޑެހެޔާ ވަނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް މުހިއްމު ދެ ބޯޅަ ދިފާއުކޮށްފައެވެ. މެންޗެސްޓާ ޔުނައިޓެޑުގެ އާ ޑިފެންޑަރު އެރިކް ބެއިލީ ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އަނެއްކާވެސް ހޯދާފައެވެ. އޭނާ ވަނީ ނިމުނު ކޮމިއުނިޓީ ޝީލްޑުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.