Last Updated: June 28, 13:55
Sunday, June 28, 2026
ސިޔާސީ

ފުލުހުން ބޭނުން ކުރަނީ ސިޔާސީ ކަންކަމުގައި: ރިޔާޒް

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވާހަކދައްކަވަނީ-ފޮޓޯ: މަޖިލިސް

ކޮންމެ ސަރުކާރަކުންވެސް ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ދެމެހެއްޓުމަށް މާތް ރަސްކަލާނގެ ގަންދީ ހުވާ ކޮށްފައި ތިބޭ ފުލުހުން ބޭނުން ކުރަނީ އެބައެއްގެ އަމިއްލަ ސިޔާސީ މަސްލަހަތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހުއްދަ ނަގައިގެން މާލޭގައި މުޒާހަރާތަކާއި ހިނގާލުމާއި އުޅަނދުބުރުތައް ބާއްވަން ޖެހޭ ގޮތަށް ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުވެސް ފުރުއްވާފައިވާ ރިޔާޒު ވަނީ ވަރަށް އަސަރާއެކު ވާހަކަފުޅު ދައްކަވާފައެވެ.

ރިޔާޒުގެ ވާހަކައިގައި ފުލުހުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބަޔެއް ކަމަށް ހެދުމަށް މަޖިލީހުގެ އެންމެހާ މެމްބަރުންގެ އެއްބާރުލުމަށް އެދިފައެވެ.

"މި މަޖިލީހުން ވެސް އެބަޖެހޭ މިހާރު ފުލުހުންގެ ގާނޫނަށް ބަދަލު ގެނެސްގެން ވެސް ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ރައްކާތެރި ކަމަށް މަސައްކަތް ކުރާ މިނިވަންކަމާއެކު އޮޕަރޭޝަނަލީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް އެ ފުރުސަތު ދޭން އެބަޖެހޭ،" ރިޔާޒު ވިދާޅުވި އެވެ.

މާލޭގެ މަގުތަކުގައި އިންދާފައިވާ ފެންފޯއް ރުއްތަކެއް ކަނޑާލި ކަމުގެ ތުހުމަތު ބައެއް ފުލުހުންގެ މައްޗަށް ކުރެވި، މައްސަލަ ބެލިފައިނުވުމާއި ކުރީގެ ޑިފެންސް މިނިސްޓަރު، ރިޓަޔާޑް ކާނަލް ނާޒިމްގެ ގެއަށް ފިސްތޯލައެއް ފުލުހުން ވެއްދިކަމުގެ ތުހުމަތު ވެސް ކުރެވި އެމައްސަލަވެސް އެއްވެސް ގޮތަކަށް ނިމިފައިނުވާކަން ރިޔާޒަ ވަނީ ފާހަގަ ކޮށްފައެވެ.

މިފަދަ ކަންތައް ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވި، މައްސަލަ ނުބެލޭ ކަމުގައިވާނަމަ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވާ ކަމަށްވެސް ރިޔާޒު ވަނީ އަލިއަޅުވާލާފައެވެ.

މިނިވަން ކަމާއެކު މައްސަލައެއް ތަހުގީގު ކުރުމުގެ މިނިވަންކަމެއް މިއަދު ފުލުހުންގެ އިދާރާގައި ނެތްކަމަށާއި ގައުމު މިފަދަ ހާލަތެއްގައި ވަނިކޮށް ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހަނިކޮށް، އެއްވެ އުޅުމަށް ފުލުހުންގެ ހުއްދަ ހޯދަން ޖެހުމަކީ ގަބޫލު ކުރެވޭ ކަމަކަށް ނުވާތީ މިއިސްލާހަށް ތާއީދު ނުކުރެވޭނެ ކަމަށް ރިޔާޒް ވަނީ ވިދާޅުވެފައެވެ.

އިސްލާހު މަޖިލީހުން ފާސްކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މުޒާހަރާ ބާއްވަން ހުއްދަދެވޭނެ ތަންތަނުގެ ލިސްޓެއް ހޯމް މިނިސްޓްރީން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ ކަމަށް މާފަންނު ދެކުނު ދާއިރަގެ މެމްބަރު ރިފާއު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.