Last Updated: May 19, 00:16
Sunday, May 19, 2024
ޚަބަރު

ކުނި ނަގައި ދޭ އަގު ކުޑަ ކުރަނީ

މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އައްޑޫގެ ގޭބިސީ ތަކުން ކުނި ނެގުމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އިން ނަގާ އަގު ކުޑަކުރަން ނިންމައިފި އެވެ.

އެންވައިރަމެންޓް މިނިސްޓްރީގެ އިސް އޮފިޝަލަކު "އައްޑޫލައިވް"އަށް ވިދާޅުވީ، އެމްއާރްޑީސީން އައްޑޫގެ ގެތަކުން ކުނި ނަގަން ނަގާ އަގު ބޮޑުކަމުގެ ޝަކުވާ ލިބުމާއި ގުޅިގެން އަގު ދަށް ކުރުމުގެ މަޝްވަރާ ކުރިއަށްދާ ކަމަށެވެ.

kuni

އެމްއާރްޑީސީން އަގުނަގަން ފެށިއިރު އެއަގަކީ އީޕީއޭއިން ފާސްކޮށްފައިވާ އަގެއް ނޫންކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

ނަމަވެސް އެއަގު ފާސް ކުރުމަށް މިހާރު އެމްއާރްޑީސީން ވަނީ އީޕީއޭއަށް ހުށަހަޅާފައެވެ. އަދި އީޕީއޭ އާއި އެންވައިރަމެންޓް މިނިސްޓްރީ އަދި އެމްއާރްޑީސީން އަންނަނީ އަގު ކުޑަކުރުމަށް މަޝްވަރާ ކުރަމުންނެވެ.

އެމްއާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ އީޕީއޭއަށް ފާސް ކުރުމަށް މިހާރު ހުށަހަޅާފައިވާ އަގު ލިސްޓްގައި ހަފްތާއަކު 1 ފަހަރު ނެގުމަށް ވަކި އަގެއް ކަޑައެޅުމާއި، ކުނި ކޮށްޓަށް ވަންނަ ވެހިކަލްތަކުން ނަގާ އަގު ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރު ނަގާ އަގަށް ބަލާއިރު ހަފްތާއަކު 3 ދުވަހު ކުނި ނެގުމަށް 159 ރުފިޔާ ކަޑައަޅާފައިވާ އިރު ފިހާރަތަކާއި އޮފީސްތަކުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދެނީ މަހަކު 318ރ. އަށެވެ. މީގެ އިތުން ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ހަފުތާ އަކު ހަ ދުވަހު ކުނި ނަގައި ދެނީ މަހަކު 795ރ. އަށެވެ.

ކުނި ނަގާ އަގު ބޮޑުވުމާއި ގުޅިގެން އެތައް ބަޔަކު ޝަކުވާ ކުރާއިރު، ފައިސާ ނަގައިގެންވެސް އަދި ގިނަ ގޭގެއިން ކުނި ނަގަން ނުފަށައެވެ. އެހެންވެ ގިނަ ގޭގޭގެ ދޮރުމަތީގައި ވަނީ ކުނި ޖަމާކޮށްފައެވެ.