Last Updated: June 28, 12:01
Sunday, June 28, 2026
ކުޅިވަރު

ފަހު ވަގުތު ކޯސްޓާ ޖެހި ގޯލާއެކު ޗެލްސީ ހަނިގޮތަކަށް މޮޅުވެއްޖެ

އިނިގރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ވެސްޓް ހޭމް ޔުނައިޓެޑް ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާއިން ޗެލްސީ މެޗު ކާމިޔާބުކޮށްފިއެވެ.

ވެސްޓް ހޭމްގެ މޮޅު ކުޅުންތެރިޔާ ޑިމީޓްރީ ޕަޔެޓް ފުރަތަމަ އެގާރައިގައި ނުހިމަނާ ފެށި މިމެޗުގައި ދެ ޓީމަށްވެސް ފުރަތަމަ ހާފުގައި މާރަނގަޅު ކުޅުމެއް ދެއްކިފައިނުވެއެވެ.

ފުރަތަމަ ހާފު ލަނޑެއް ނުޖެހި ނިމިފައިވާއިރު ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ޗެލްސީއަށް ލިބުނު ޕެނަލްޓީއެއްގައި ހަޒާޑް ވަނީ ގޯލު ޖަހާފައެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ވެސްޓް ހެމް އަށް ނަތީޖާ އެއްވަރުކޮށްދީފައިވަނީ ކޮލިންސްއެވެ. ޗެލްސީ މެޗު ކާމިޔާބުކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކޮސްޓާ ޖެހި ގޯލަކުންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކޮސްޓާ ވިއްކާލަން އުޅޭ ޚަބަރު ވަނީ ގަދަވެފައެވެ. ނަމަވެސް ޗެލްސީ އިން އިތުރު ފޯވާޑެއް ގަންނަން މަސައްކަތެއް ކުރާ ތަނެއް ފެނިފައިނުވުމުން މިސީޒަނުގައިވެސް ޗެލްސީގެ ފޯވާޑަކަށް ކުޅޭނީ ކޯސްޓާކަމަށް ބެލެވެއެވެ.

ޔޫރޯ ފައިނަލުގައި ކުޅުމަށް ފަހު ޕަޔެޓް މެޗް ފިޓް ނުވާތީ ބެންޗުގައި ބެހެއްޓީ ކަމަށް ބެލެވެއެވެ. ވެސްޓް ހެމް ގެ ކޯޗު ބިލިޗް ބުނެފައިވަނީ އެންމެ އެދެވޭ ކުޅުމެއް މިރޭ އޭނާގެ ކުޅުންތެރިންގެ ކިބައިން ފެނިފައިނުވާކަމަށެވެ. ނަމަވެސް ކުރިއަށް އޮތް މެޗުތަކުގައި ރަނގަޅު ވާނެ ކަމަށް ބިލިޗް ވަނީ ބުނެފައެވެ.