Last Updated: June 12, 06:38
Friday, June 12, 2026
ޚަބަރު

މަސްތުވާތަކެތީގެ ދެ ނެޓްވޯކެއް އައްޑޫގައި އުޅޭ: ޕޮލިސް

ހިތަދޫން މީގެ ކުރިން އަތުލައިގަތް ބަނގުރާ ފުޅިތަކެއް. ފޮޓޯ/ޕޮލިސް

ފުލުހުން އައްޑޫގައި މިހާރު ކުރިއަށް ގެންދާ "އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ބޮޑު ދެ ނެޓް ވޯކެއްގެ ގޮތުގައި އުޅެނީ ދެ ގުރޫޕެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ 17 ވަނަ ދުވަހު ފެށި އޮޕަރޭޝަނާ ބެހޭ ގޮތުން މިއަދު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުހާދު ފިކްރީ ވިދާޅުވީ އެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާ ފެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގައި އެ އޮޕަރޭޝަނުގެ ދަށުން މީހުން ހައްޔަރުކޮށްފައިވާ އިރު، އެކަން ކުރާ އުޅެނީ ބޮޑު ދެ ގުރޫޕެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މީހުންނަކީ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބައެއް ކަމަށެވެ. ނަމަވެސް އެ މީހުންގެ ތަފްސީލެއް ނުދެއްވަ އެވެ.

"އަފިރިންގެ އަމާން އައްޑޫ ސިޓީ" އޮޕަރޭޝަނުގެ ދަށުން މަސްތުވާތަކެއްޗާއި ބަނގުރަލާ ގުޅުން ހުރި 71 މައްސަލައެއް ހުށަހަޅާފައިވާ އިރު ޓްރެފިކް މައްސަލަތަކުގައި 43 މައްސަލަ ހުށަހަޅާފައިވެ އެވެ. އެހެނިހެން 39 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ އޮޕަރޭޝަންގެ ދަށުން 150 މީހަކު ވަނީ ތަފާތު އެކި މައްސަލަތަކުގައި ހައްޔަރުކޮށްފައި ކަމަށް ފަރުހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ 33 މީހަކު ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ތިބި ކަމަށް ވެސް ފަރުހާދު ވިދާޅުވި އެވެ. ފަރުހާދު އަދި ވިދާޅުވީ މިހާތަނަށް 14 ވެހިކަލެއް ވެސް ޓޯ ކޮށްފައިވާ ކަމަށެވެ.