ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ގައުމީ ސަލާމަތުގެ ކޮމިޓީއިން ވަގުތީ ގޮތުން ވަކިކޮށްފި އެވެ.
ރަށުގައި ނޫޅުއްވާތީ ކަމަށް ބުނެ މުސްތަފާ ކޮމިޓީއިން ވަގުތީ ގޮތުން ވަކިކޮށްފައިވާއިރު މުސްތަފާ މާލޭގައި ހުރި ކަން 'އައްޑޫލައިވް' އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.
މުސްތަފާ ވިދާޅުވެފައިވަނީ ކޮމިޓީގެ ބައްދަލުވުމަކަށް ވަޑައިގެންނެވުމަށް ރަށުގައި ހުރިތޯ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ފޯނުން ގުޅާފައި އެއްސެވި ކަމަށާއި، ޖަވާބުގައި ރަށުގައި ހުރި ނަމަވެސް ޖަލްސާގައި ބައިވެރިނުވެވޭނެ ކަމަށް ބުނިކަމަށެވެ.
އެއަށްފަހު ކުޑަ ވަގުތުކޮޅެއް ފަހުން މަޖިލީހުގެ އިދާރާއިން ކޮމިޓީ ބައްދަލުވުމެއް އޮތްކަމަށް އެންގުމުން ބައްދަލުވުމުގައި ބައިވެރިވުމަށް ވަޑައިގެންނެވުމުން އޭނާ ކޮމިޓީއިން ވަކިކޮށްފައިވާކަމަށް އެންގިކަމަށް މުސްތަފާ ވަނީ މައުލޫމާތު ދީފައެވެ.
މިކަމާ ގުޅިގެން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވަނީ މުސްތަފާ ވަކިކޮށްފައިނުވާނެ ކަމަށް ބުނެފައެވެ. އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ މުހިއްމު ކަމުން މުސްތަފާ ރަށުގައި ނޫޅުއްވާތީ އޭނާގެ ބަދަލުގައި އެހެން މެމްބަރަކު އެމަގާމު ފުރުމަށް ތަންދިނުމުގެ ގޮތުން މުސްތަފާ ވަގުތީ ގޮތުން ވަކިކުރީ ކަމަށް ރިޔާޒް ވަނީ މައުލޫމާތު ދީފައެވެ.
ގައުމީ ސަލާމަތުގެ ކޮމިޓީގައި އިއްޔެ އޮތީ އެއްވެ އުޅުން ހަނިކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރަކަށް މުހައްމަދު ހުސެން ޝަރީފް (މުންދު) ހަމަޖެއްސުމާ މެދު ގޮތެއް ނިންމުމެވެ. އެ ދެ މައްސަލަ ވެސް ވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.
މުސްތަފާ ވަނީ "ހިޔާޅު ފާޅުކުރުމުން" ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުންވެސް ބޭރުކޮށްފައެވެ. ކޮމިޓީއިން ބޭރުކޮށްލުމުން މުސްތަފާ ބުނެފައިވަނީ މިއީ މިމީހުން ކުޅޭ ގޭމެއް ކަމަށެވެ.