އަންނަ އަހަރު އައްޑޫ ސިޓީ ކައުންސިލްގެ އިދާރީ ހަރަދަށް މަދުވެގެން 24.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.
ސޯބެ މިގޮތަށް ވިދާޅުވީ އައްޑޫ ކައުންސިލްގެ ބަޖެޓާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީ އާއި އެކު ބޭއްވި މަޝްވަރާއަށް ފަހު މިއަދު "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ސޯބެ ވިދާޅުވީ ކައުންސިލަށް މިފަހަރު ބަޖެޓްގައި ހިމަނާފައިވަނީ އެންމެ 13 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެއަދަދަކީ ކައުންސިލް އިދާރާގެ މުވައްޒަފުންގެ މުސާރަ ދެވޭނެ މިންވަރެއްވެސް ނޫން ކަމަށެވެ.
"މިހާރު ބަޖެޓްގައި ހިމަނާފައި މިވަނީ އެންމެ 13 މިލިއަން، އެއަދަދުން މުސާރަވެސް ހަމަ ނުޖެއްސޭ، މުސާރައަށްވެސް އެބައަރާ 15 މިލިއަން، ދެން ކޮބާ ކަރަންޓް، ފޯން ބިލް ތަކުގެ ބެޖެޓް. މިވަރު ކުޑަ އަދަދަކުން ކައުންސިލް ނުހިންގޭނެ، އެކަން ފިނޭންސް މިނިސްޓްރީގެ ސަމާލްކަމަށް މިގެނައީ"
ސޯބެ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ބަޖެޓަށް ބަދަލު ގެނައުމަށް ވާހަކަ ދެެކެވުނު ކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލަރުން މާލެ މިދިޔައީ، ބަޖެޓްގައި ހުރި ކަންބޮޑުވުންތަކާއި އެކު، ހައުސިން މިނިސްޓްރީން ބައްދަލެއް ނުކުރި، ހެރިޓޭޖްއިން މީޓިން ކެންސަލް ކުރީ، ހައުސިން މިނިސްޓްރީ އާއި އެކު ބައްދަލު ކުރަން ބޭނުންވީ ކައުންސިލުން މީގެ ކުރިން ދެމުން ދިޔަ ހުރިހާ މުނިސިޕަލް ހިދްމަތެއް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށައް ގެންގޮސްފައިވާތީ، އެކަންކަމަށް ބަޖެޓް ކުރެވިފައިވޭތޯ ބަލަން"
ސޯބެ ވިދާޅުވީ ހައުސިން މިނިސްޓްރީން މިހާރުވެސް މަގުމަތި ބެލެހެއްޓުމާއި، ބަނދަރާއި، ޕާކްތައް ނުބެލެހެއްޓޭ ކަމަށެވެ. އަދި އެގޮތަށް ހިދްމަތް ނުދެވެނީ ފައިސާ ނެތުމުން ކަމަށް ގަބޫލް ކުރެވޭ ކަމަށެވެ.
ކައުންސިލުން މިފަހަރު މިނިސްޓްރީތަކަށް ކުރި ޒިޔާރަތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭކަމަށް ސޯބެ ވިދާޅުވިއެވެ.