Last Updated: June 28, 12:01
Sunday, June 28, 2026
ސިޔާސީ

ގާނޫނީ ކުއިޒެއް، އިނާމު ވަރަށް ބޮޑު!

ގާނޫނީ ސުވާލުތަކަށް ޖަވާބުދީގެން އެއްވަނަ ހޯދާ ބައިވެރިޔަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ ކުއިޒެއް ބޭއްވުމަށް މަޖިލިސް ޓީވީ ތައްޔާރުވެއްޖެއެވެ.

މަޖިލިސް ޓީވީގެ އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި ކުއިޒަކީ މަޖިލިސް ޓީވީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެއްސި ކުއިޒެއް ކަމުގައެވެ.

ދައުލަތުގެ ހުރިހާ މީޑިއާއަކުން ކުއިޒަށް ސުވާލު ގެނެސްދޭއިރު އެސުވާލުތަކަށް އެސްއެމްއެސް މެދުވެރިކޮށް ޖަވާބްދޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް 15000 ރުފިޔާ އަދި ދެ ވަނައަށް ދާ ފަރާތަކަށް 8000 ރުފިޔާ އަދި ތިން ވަނައަށްދާ ފަރާތަކަށް 5000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަޖިލިސް ޓީވީއަކީ މަޖިލީހުގައި ބޭއްވޭ ޖަލްސާތަކާއި ބައެއް ކޮމިޓީ ބައްދަލުވުންތަކުގެ އިތުރުން މަޖިލީހުގައި ހިނގާ އެކިއެކި ހަރަކާތްތައް ގެނެސްދިނުމަށް ދައުލަތުން މިދިޔަ އަހަރު އުފެއްދި ޓީވީއެކެވެ.

މިއީ ހަމައެކަނި މާލޭ ރައްޔިތުންނަށް ފެންނަ ޗެނެލްއެކެވެ.