ސްޓުއަ ބުކަރެސްޓް ބަލިކޮށް މެންޗެސްޓާ ސިޓީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމާ ގާތަށް ޖެހިލައިފިއެވެ.
އަގުއޭރޯއަށް ދެ ޕެނަލްޓީ ބޭކާރު ކުރިނަމަވެސް އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކް ހަދާފައެވެ. މެޗު ސިޓީ އިން ކާމިޔާބުކޮށްފައިވަނީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ސިޓީގެ ރަހީމް ސްޓާލިންގ އޭރިޔާ ތެރެއިން ވައްޓާލުމާއެކު ރެފްރީ ވަނީ ސިޓީއަށް ޕެނަލްޓީ ދީފައެވެ. ނަމަވެސް އެގުއޭރޯ ސްޕޮޓުން ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
ދެ މިނެޓު ފަހުން ސިޓީއަށް ލީޑު ނަގާދީފައިވަނީ ޑޭވިޑް ސިލްވާއެވެ. އަނެއްކާވެސް ބުކަރެސްޓް ކުޅުންތެރިޔަކު ވަނީ ސިޓީގެ އެލެކްސެންޑަރ ކޮލަރެވް ޕެނަލްޓީ އޭރިޔާ ތެރެއިން ޓެކުލެއް ކޮށް ވައްޓާލާފައެވެ. މިފަހަރުވެސް އަގުއޭރޯ ސްޕޮޓުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަންނަ ގޮތެއް ނުވިއެވެ.
ދެ ޕެނަލްޓީ ބޭކާރު ކުރެވުމަށް ފަހު އެގުއޭރޯ އަށް ގޯލެއް ޖެހުނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށެވެ. ސްޕެއިންގެ ނޮލީޓޯ ކުރި ޕާހަކުން އެގުއޭރޯ ވަނީ ގޯލު ޖަހާފައެވެ.
މެޗުގެ ތިން ވަނަ ގޯލު ޖަހާފައިވަނީ ނޮލީޓޯ އެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް އެގުއޭރޯ ވަނީ ސިޓީގެ ފަހު ދެ ގޯލު ޖަހާފައެވެ.
ރޭގެ މެޗުގައި ވެސް ކޯޗު ގާޑިއޯލާ ވަނީ ޓީމަށް 10 އަހަރު ދުވަހު ކުޅެފައިވާ ކީޕަރު ޖޯ ހާޓް ފުރަތަމަ އެގާރައިން ބާކީ ކޮށްފައެވެ. ޚަބަރު ލިބޭ ގޮތުގައި ބާސެލޯނާގެ ކްލައުޑިއޯ ބްރާވޯ ހުރީ ސިޓީއަށް އައުމުގެ މަގުމަތީގައެވެ. ޖޯ ހާޓް ވިއްކާލުމަށް ޕެޕް ވަނީ ތައްޔާރުވެފައެވެ.