Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ޖޭސީއައި އިން ހަވާޑްގެ ކޯޑިންގް ކޯހެއް އައްޑޫގައި

ޖޫނިއާ ޗެމްބަރ އިންޓަނޭޝަނަލް ގެ އައްޑޫ ޗެޕްޓަރ (ޖޭސީއައި އައްޑޫ) އާއި އެމެރިކާގެ ހަވަޑް ޔުނިވާސިޓީ ގުޅިގެން ކޮމްޕިއުޓަ ކޯޑިން ކޯހެއް އައްޑޫގައި ބޭއްވުމަށް ހަމަޖައްސައިފި އެވެ.

މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 18 ހަފްތާ ވަންދެން އައްޑޫ ހައި ސްކޫލުގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ މި ކޯހަކީ ހަރވަރޑް ގެ ލެކްޗަރަރ އެއްކަމަށްވާ ޑޭވިޑް ޖޭ. މަލަންގެ ކޯހެކެވެ.

އައްޑޫގައި މިކޯސް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައި ވަނީ ވީޑިިއޯ ލެކްޗަރގެ ގޮތުގައި ދެ މެންޓަރުންގެ އެހީތެރި ކަމާއެކުގައެވެ.

މިކޯހުގައި ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ފިލާވަޅުތަކުގެ ތެރޭގައި އެބްސްޓްރެކްޝަން، އަލްގޮރިދަމް، ޑޭޓާ ސްޓްރަކްޗަރ، އެންކެޕްސިއުލޭޝަން، ރިސޯސް މެނޭޖްމެންޓް، ސެކިއުރިޓީ، ސޮފްޓްވެއަރ އެންޖިނިއަރިންގް އަދި ވެބް ޑިވަލޮޕްމެންޓް ހިމެނެއެވެ. މިގޮތުން ކޯޑިންގް ލޭންގުއޭޖްތައް ކަމަށްވާ ސީ، ޕީ.އެޗް.ޕީ، ޖާވާ ސްކްރިޕްޓް ޕްލަސް، އެސް.ކިއު.އެލް، ސީ.އެސް.އެސް، އެޗް.ޓީ.އެމް.އެލް ދަސްކޮށްދޭގޮތަށްވަނީ ހަމަޖިހިފައެވެ.

ކޯހުން ފާސްވެ، ހަރވަރޑް ވެރިފައިޑް ސެޓްފިކެޓް ހާސިލު ކުރުމަށްޓަކައި ބައިވެރިން 8 ސުވާލު، ދެ ކުއިޒް އަދި ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރަންޖެހެއެވެ.

މި ސެޓްފިކެޓްގެ އަގަކީ 90 ޑޮލަރެވެ. ނަމަވެސް ބައިވެރިވާ ކޮންމެ ދަރިވަރަކަށް ޖޭސީއައި އައްޑޫއިން ބައިވެރިވި ކަމުގެ، އަދި ފާސްވާ ދަރިވަރުންނަށް ފާސްވިކަމުގެ ސަނަދެއް ދޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އިމްތިހާނުގެ ހުރިހާ ބައެއް މާރކް ކުރުމުގެ ކަންތައް ކުރިއަށްގެންދާނީ ހަރވަރޑް އިންނެވެ.