Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ކައުންސިލާއި ފޭދޫ ސްކޫލް އެމްއޯޔޫއަކަށް

އައްޑޫ ސިޓީ ކައުންސިލާއި ފޭދޫ ސްކޫލާ ދެމެދު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކުގެ ދަރިވަރުންނަށް ހިންގާ ދަސްވާރު ޕްރޮގްރާމާއި ކައުންސިލްގެ އިންޓަންޝިޕްގެ ޕްރޮގްރާމްގެ ދަށުން މިއަދު ސޮއި ކުރި އެމްޔޫގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ފޭދޫ ސްކޫލްގެ ފަރާތުން ސޮއި ކުރެއްވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތުމަތު ޝަފީގާ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފޭދޫ ސްކޫލާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން، އެ ސްކޫލްގައި ދަސްވާރު ޕްރޮގްރާމް ފުރިހަމަ ކުރާ ދަރިވަރުން ކައުންސިލް އޮފީސްތަކުގައި އިދާރީ ހިންގުމުގެ ތަޖރިބާ ވަކި މުއްދަތަަކަށް ހޯދާނެ ކަމަށެވެ.

މިކަން އަންނަ މަހުގެ ތެރޭގައި އަމަލީ ގޮތުން ފެށުމަށް ވަނީ ނިންމައިފަ އެވެ.

ޕްރޮގްރާމް ކުރިއަށްދާ އިރު، ތަޖުރިބާ ހޯދަން އޮފީސްތަކުގައި މަސައްކަތް ކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދީ، އެ މީހުން މޮނިޓަ ކުރަން ހާއްސަ މީހަކު އޮފީސްތަކުން ކަނޑައަޅާފައި ހުންނާނެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފޭދޫ ސްކޫލަކީ މި ޕްރޮގްރާމް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދަން އެއްބަސްވި ފުރަތަމަ ސްކޫލް ކަމަށެވެ.

އަދި އައްޑޫ ހައި ސްކޫލާއި އިރުޝާދިއްޔާ ސްކޫލާއި ހިތަދޫ ސްކޫލްގެ އިތުރުން ޝަރަފުއްދީނުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި އިތުރު ސްކޫލްތަކާ އެކު ކައުންސިލުން އެމްއޯޔޫ ހަދާނެ އެވެ.