Last Updated: June 27, 02:30
Saturday, June 27, 2026
ސިޔާސީ

އެއްވެ އުޅުން ވެސް ހަނިކޮށްފި

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމަށް މަޖްލިސްއިން ނިންމިތާ ހަފްތާއެއްވީ އިރު ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ނުކުރެވޭނެ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު މަޖްލިސްއަށް ހުށަހެޅި އިސްލާހް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހާ ދެކޮޅަށް 26 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.

މަޖްލިސްގެ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތައް ހުރި ބިލް ފާސްވުމާއި ގުޅިގެން ފުލުހުންގެ ހުއްދަ ނެތި މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވުމެއް، ހިނގާލުމެއް އުޅަނދު ބުރެއް ނުބޭއްވޭނެއެވެ.

އެއްވެ އުޅުމުގެ ހައްގު އުނިކުރުމަށް ހުށަހެޅި އިސްލާހަށް ޕީޕީއެމްގެ 4 މެމްބަރަކު ވަނީ ފާޅުގައި ދެކޮޅު ހައްދަވާފައެވެ. އެގޮތުން އަބުރުގެ ބިލާއި ދެކޮޅަށް ވޯޓު ދެއްވި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ މިއަދުވެސް ވަނީ ބިލާއި ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ފެހި ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ގިނަ ހައްގުތައް މަޖްލިސްއިން މިހާރު ގެންދަނީ ހަނިކުރަމުންނެވެ.