ހިތަދޫ މަސްޖިދުލް އިކްރާމްގައި މިއަދު ހުކުރު ނަމާދަށް ފަހު ދުއާ ކުރަން އުޅެނިކޮށް އެ ސަރަހައްދުން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އެ ސަރަހައްދުގައި ހުރި "އައްޑޫ ލައިވް" ގެ ނޫސްވެރިއާ ބުނީ ދުއާ ކުރަން އުޅުމުގެ ތެރެއިން އެތަނުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއީ ދުއާ ކުރަން ގޮސް ތިބި ބައެއް ނޫންކަމަށް އޭނާ ބުންޏެވެ. އެމީހުން ހައްޔަރު ކުރީ ކޮން ސަބަބަކާއި ހުރެގެން ކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.
ފުލުހުން ވަނީ ދުއާ ކުރަން މީހުން އެއްވާ ސަރަހައްދުން މީހުން ދުރައް ޖައްސާފައެވެ. އެހެންވެ މިއަދު ދުއާ ކުރެވޭނެ ގޮތް އެތަނުގައި ތިބި މީހުންނަށް ވަނީ ނުވެފައެވެ.
އެހެން ދުވަސް ތަކާއި ހިލާފަށް މިއަދު ފުލުހުން ތިބީ މިސްކިތުގެ ހަރިމަ ތެރޭގައެެވެ. މީގެ ކުރިން ފުލުހުން ގޮސް ތިބެނީ އެސަރަހައްދުގެ މަގުމަތީ މިސްކިތުން ބޭރުގައެވެ.
މިދިޔަ ހުކުރު ދުވަހު ދުއާ ކުރަން ހުއްޓާ ހިތަދޫ ރީފްސައިޑް އަހްމަދު ފަރްހާން ވަނީ ހައްޔަރުކޮށް 15 ދުވަހަށް މުއްދަތު ޖަހާފައެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ކަމަށް ބުނެއެވެ.