އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ސަދަމްޕްޓަން ބައްދަލު ކުރި މެޗު 0-2 އިން ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.
ޔުނައިޓެޑުގެ ދަނޑު، އޯލްޑް ޓްރެފޯޑްގައި މިސީޒަނުގެ ފުރަތަމަ މެޗު ރޭ ކުޅެ، ޔުނައިޓެޑު ވަނީ މޮޅު ކުޅުމެއް ދައްކައި ކާމިޔާބުކޮށްފައެވެ.
އިބްރަހިމޮވިޗްގެ ދެ ގޯލާއި، ޕޮގްބާގެ ހުނަރުތަކުގެ އިތުރުން ޑިފެންޑަރު ބެއިލީ ވެސް ވަނީ ރޭގެ މެޗުގައި ވިދާލާފައެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން 9 މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްފައިވަނީ އިބްރަހިމޮވިޗެވެ.
ކޯނަރު ދިދަ ކައިރިން ކެޕްޓަން ވޭން ރޫނީ ހުރަސްކޮށްދިން ބޯޅައެއް އިބްރާ ގޯލުގެ ތެރެއަށް ވައްދާލާފައިވަނީ ބޮލުން ބާރަށް ގޯލުގެ ކަނަށް ފޮނުވާލައިގެންނެވެ.
މެޗުގެ ދެވަނަ ގޯލު ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައިވަނީވެސް އިބްރަހިމޮވިޗެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ޑިފެންޑަރު ލޫކް ޝޯ އެތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި އޭނާ ވައްޓާލުމުން ރެފްރީ ވަނީ ޔުނައިޓެޑަށް ޕެނަލްޓީ ދީފައެވެ.
މިމެޗުގައި ރޭގައި ހަތަރު އަހަރު ފަހުން ޕްރިމިއާ ލީގާއި ގުޅުނު ޕައުލް ޕޮގްބާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޑިފެންޑަރުންގެ ކައިރިން ނައްޓާލައިގެން ފޯވާޑު ކުޅުންތެރިންނަށް ބޯޅަ ފޯރުކޮށްދިނުމާއި ބޯޅަ ހިފެހެއްޓުމުގައި ޕޮގްބާވަނީ އޭނާގެ މަގާމު ފުރިހަމައަށް އަދާކޮށްފައެވެ.
ދެ މެޗުން ތިން ގޯލު ޖަހައި އިބްރާ ވަނީ ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާގެ ލިސްޓުގެ ކުރިއަށް އަރާފައެވެ. އަދި ޔުނައިޓެޑު ދެމެޗުން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި ވަގުތީގޮތުން ހަމަޖެހިލައިފިއެވެ.
ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީ ސްޓޯކް އާއި ދެކޮޅަށް ނިކުންނާނީ ރާއްޖެ ގަޑިން 4:30 ގައެވެ. ސިޓީ ވަނީ ސީޒަނުގެ ފުރަތަމަ މެޗު ސަންޑަލޭންޑާ ދެކޮޅަށް ކުޅެ 1-2 އިން ކާމިޔާބުކޮށްފައެވެ.