މުޖުތަމައަށް ނުފެތޭ ކަމަށް ބުނެ ޖަރުމަނު ވިލާތުގައި މޫނު ބުރުގާ ނުވަތަ މޫނު ނިވާކުރާ އެއްވެސް އެއްޗެއް ބައެއް ހިސާބުތަކުގައި ބޭނުންކުރުން މަނާކުރަން ސަރުކާރު ހިންގާ އިއްތިހާދުން ހުށައަޅައިފިއެވެ.
އާންމު ތަންތަނުގައި މީހާގެ ސިފަ އެނގުމަކީ ލާޒިމު ކަމެއް ކަމުގައި އެމީހުން ދެކޭތީ ސްކޫލްތަކާއި، ސަރުކާރު އޮފީސް، ރެޖިސްޓެރީ އޮފީސްތަކުގައި ނިޤާބް އެޅުން މަނާކުރުމަށް އެމީހުންވަނީ ނިންމާފައެވެ.
"ހަމައެކަނި މުސްލިމުން އަޅާ ބުރުގާއެއް ނޫން މަނާކުރަނީ. މޫނު ނިވާ ކުރުމަށް ބޭނުންކުރާ މާސްކު ނުވަތަ އެހެންވެސް ލޯ އެކަނި ފެންނަ އެއްޗެއް އާންމު ތަންތަނުގައި ބޭނުން ކުރުން މަނާ ވާނެ." އެ ގައުމުގެ އެތެރޭގެ ކަންކަމާއި ބެހޭ މިނިސްޓަރު ތޯމަސް މައިޒިއާ ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދީފައިވެއެވެ.
އޭނާ ބުނެފައިވަނީ އެއީ އެމީހުންގެ މުޖުތަމައަށް ފެތޭ ދިރިއުޅުމުގެ ވައްޓަފާޅިއެއް ނޫން ކަމަށެވެ. މުއާމަލާތު ކުރުމަށާއި މުޖުތަމައުގެ އެންމެހާ ފަރުދުންނަށް ބަލާއިރު މުޖުތަމައުގައި އުޅެން ބޭނުން ކަމުގައިވާނަމަ މޫނު ފާޅު ކުރުމަކީ މަޖުބޫރު ކަމެއް ކަމުގައި އޭނާ ވަނީ ބުނެފައެވެ.
ހުށައެޅިފައިވާ މޫނު ބުރުގާތައް މަނާ ކުރާ ޕްރޮޕޯސަލަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އަޅަން ޖެހޭ މުހިއްމު ފިޔަވަޅެއް ކަމުގައި އެމީހުން ދެކޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މުސްލިމުންގެ ސަގާފަތްތަކަށް މަލާމާތްކޮށް ހަޖޫ ޖެހުމުގެ ގޮތުން ހުޅަނގުގެ ގިނަ ގައުމުތަކެއްގައި އަންނަނީ މޫނު ބުރުގާ، ބާރކީނީ ނުވަތަ އައުރަ ކަޝްފުނުވާ ބޭތިން ސޫޓް ފަދަ ތަކެތި މަނާ ކުރަމުންނެވެ.