Last Updated: June 28, 12:01
Sunday, June 28, 2026
ކުޅިވަރު

ބެންޓެކޭ ކްރިސްޓަލް ޕެލެސްއަށް ސޮއިކޮށްފި

ލިވަޕޫލްގެ ފޯވާޑް ކްރިސްޓިއަން ބެންޓެކޭ 4 އަހަރުގެ މުއްދަތަކަށް ކްރިސްޓަލް ޕެލެސްއަށް ސޮއިކޮށްފިއެވެ.

ދެޓީމުގެ ފަރާތުން މި ޓްރާންސްފާގެ ފީ ހާމަކޮށްފައިނުވާއިރު ބެންޓެކޭ ޕެލެސްއަށް ސޮއިކުރުމަށްފަހު ބުނެފައިވަނީ ކްރިސްޓަލް ޕެލެސްއަށް ފުރިހަމައަށް ކުޅޭނެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ.

ލިވަޕޫލްގައި އޭނާ ހޭދަކުރި ދުވަސްކޮޅުގައި ފުރަތަމަ އެގާރައިން ޖާގަ ލިބިފައެއް ނުވެއެވެ. ލިވަޕޫލްގެ މެނޭޖަރު ޔާގަން ކްލޮޕްގެ ޕްލޭނަށް އޭނާ ނުފެތޭކަމަށާއި ވިއްކާލަން ބޭނުންވާކަމަށް ކްލޮޕް ވަނީ ޓީމުގެ ބޯޑަށް ހުށައަޅާފައެވެ.

ޚަބަރު ލިބޭގޮތުން ބެންޓެކޭ ޕެލެސްއަށް ވިއްކާލާފައިވަނީ 27 މިލިޔަން ޕައުންޑުގެ ފީ އަށެވެ. ޕެލެސް އިން ފުރަތަމަ ހުށައެޅި 23 މިލިޔަން ޕައުންޑު ލިވަޕޫލް ވަނީ އަނބުރާ ފޮނުވާލާފައެވެ. 27 މިލިޔަން ދިނުމަށް އެއްބަސްވުމުން އެސްޓަން ވިލާ އިން އޭނާ ގަތުމަށް ހޭދަކުރި 32 މިލިޔަން ފޫބައްދާލެވޭނެއެވެ.

ޕެލެސްއަށް ފޯވާޑެއްގެ މައްސަލަ ކުރިމަތިވެފައިވަނިކޮށް ބެންޓެކޭ ގަތުމުން ކޯޗު އެލަން ޕާޑިއު ވަނީ ކުލަބުގެ އިސްވެރިންނަށާއި ބޯޑަށް ޝުކުރު އަދާކޮށްފައެވެ.

އޭނާ ބުނެފައިވަނީ ކުރީގެ ޓީމު، ނިއުކާސަލްގައި ހޭދަކުރި ދުވަސްތަކުގައި އެޓީމުން މިފަދަ ގޮތަކަށް ކުޅުންތެރިޔަކު ގަތުމަށް އަމަލު ކޮށްފައިނުވާކަމަށާއި ޕެލެސްގެ ބޯޑުގެ ނިންމުމާ ދޭތެރޭ އުފާ ކުރާކަމަށެވެ.

ޕެލެސްގެ ސީޒަން ފެށި މެޗުން ވެސްޓް ބްރޮމް އަތުން 0-1 ގެ ނަތީޖާއިން އެމީހުން ވަނީ ބަލިވެފައެވެ. މިރޭ ޕެލެސް ނިކުންނާނީ ޓޮޓެންހަމް ހޮޓްސްޕާސްއާއި ދެކޮޅަށެވެ.