Last Updated: June 28, 12:01
Sunday, June 28, 2026
ކުޅިވަރު

ލިވަޕޫލް ބަލިވި އިރު ސިޓީ އާއި ޗެލްސީއާ އެކު ހަލްއަށް ވެސް އިތުރު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ގޭމް ވީކް ކުރިއަށް ދާއިރު ހައިރާން ކުރުވަނިވި ނަތީޖާއަކުން ލިވަޕޫލް ބާންލީ އަތުން ބަލިވެއްޖެއެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބާންލީ ގޯލު ޖެހި މިމެޗު އެޓީމު ކާމިޔާބުކޮށްފައިވަނީ 0-2 އިންނެވެ. މެޗުގައި ފެނިގެން ދިޔަ ދެ ގޯލުވެސް ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފުގައެވެ.

މެޗު ފެށިގެން ދެވަނަ މިނެޓު ތެރޭ ލިވަޕޫލް ޑިފެންޑަރުންގެ އަތުން ހެދުނު ގޯހަކުން ބޯޅަ ހޯދައި ގޯލު ޖަހާފައިވަނީ ބާންލީގެ ސޭމް ވޯކްސްއެވެ. ބާރު ބޯޅައެއް ގޯލާ އަމާޒަށް ވޯކްސް ފޮނުވާފައިވާއިރު ލިވަޕޫލްގެ ކީޕަރު މިންގޮލޭ އަށް ހުރެވުނީ ބަލައިގެންނެވެ.

މެޗުގެ ދެވަނަ ގޯލު 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އަންޑްރޭ ގްރެއިއެވެ. އޭނާ ވަނީ ފުރަތަމަ ގޯލު ޖެހުމުގައި ސޭމް ވޯކްސް އަށް އެސިސްޓުވެސް ކޮށްފައެވެ.

ލިވަޕޫލްގެ ފަރާތުން ގިނަ ހަމަލާތަކެއް ހަދާފައިވީނަމަވެސް ގޯލާ އަމާޒުވެފައިވަނީ މަދު ހަމަލާއެކެވެ. މުޅި މެޗުގައި 26 ބޯޅަ ގޯލަށް ފޮނުވާލާފައިވާއިރު އަމާޒުވެފައިވަނީ އެންމެ 5 ހަމަލާއެވެ.
592276370
މެންޗެސްޓާ ސިޓީއަދި ސްޓޯކް ބައްދަލު ކުރި މެޗު ސިޓީވަނީ 1-4 ގެ ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. މެޗުގެ ފުރަތަމަ ގޯލު 27 ވަނަ މިނެޓުގައި ޕެނަލްޓީއަކުން އަގުއޭރޯ ކާމިޔާބުކޮށް، 37 ވަނަ މިނެޓުގައި އޭރިޔާ ތެރެއިން ގޯލު ޖަހައިގެން ލީޑު ފުޅާކޮށްފައިވަނީވެސް އޭނާއެވެ.

ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ ސްޓޯކްގެ ގޯލުވެސް ޖަހާފައިވަނީ ޕެނަލްޓީއަކުންނެވެ. ސިޓީގެ ފަހު ދެ ގޯލު ފެނިފައިވަނީ މެޗު ނިމެން ވަރަށް ކައިރިވެފައިވަނިކޮށެވެ. 86 ވަނަ މިނެޓު އަދި 90 ވަނަ މިނެޓުގައި ދެ ގޯލުވެސް ކާމިޔާބުކޮށްފައިވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ނޮލީޓޯއެވެ.

މީގެ އިތުރުން މިރޭ ކުޅެވުނު މެޗުތަކަށް ބަލާއިރު ޗެލްސީވަނީ އަނެއްކާވެސް 1-2 ގެ ހަނި ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. ވަޓްފޯޑާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖަހާފައިވަނީ ވަޓްފޮޑުންނެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ޗެލްސީގެ މިޗީ ބަޓްޝުއައި އަދި ޑިއެގޯ ކޯސްޓާގެ ދެ ގޯލާއެކު ކޮންޓޭގެ ޓީމުވަނީ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފައެވެ.

އެންމެ ހައިރާން ކުރުވަނިވި ޓީމަކަށް މިހާތަނަށް ފެނުނު ހަލް ސިޓީވެސް އެމީހުންގެ ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ސީޒަން ފެށުމަށް އެންމެ ކުޑަކޮށް ތައްޔާރުވެފައިވާ ޓީމުގެ ގޮތުގައި ނުކުތް ހަލް ވަނީ ކުޅުނު ދެމެޗުން 6 ޕޮއިންޓު ހޯދައި ތާވަލުގެ 3 ވަނައިގައި މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑުގެ ފަހަތުގައި ހިފަހައްޓާފައެވެ.

ސްވެންސީ އާ ދެކޮޅަށް ކުޅުނު މެޗު ހަލް ކާމިޔާބުކޮށްފައިވަނީ 0-2 ގެ އިންނެވެ. ގޯލު ޖަހާފައިވަނީ މަލޯނީ އާއި ހަނަންޑޭޒްއެވެ.