ރޮއްވާލީ ދިވެހި ރައްޔިތުން ކަމަށާއި، ނިގުޅައިގަތީ ރައްޔިތުންގެ އަސާސީ ހައްގުތަކަށް ކަމަށާއި ހިޔާނާތްތެރިވީ ބައިތުލް މާލަށް ވުމުން ނަތީޖާ ހިތިވާނެ ކަމަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި މި ސަރުކާރުގެ ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީން އަށާއި ސަރުކާރުގެ އިސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ. ޖަމީލް މި ގޮތަށް ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ސަރުކާރުގެ ހިޔާނާތާއި ގުޅޭ ރިޕޯޓެއް އަލްޖަޒީރާގެ އިންވެސްޓިގޭޓް ޔުނިޓުން އާއްމު ކުރަން ކައިރިވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް އެ ރިޕޯޓް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތަށް ވަނީ ދައުވަތު ދެވިފައެވެ.
ޑރ. ޖަމީލް އަކީ އެމްޑީޕީ އާއި އިދިކޮޅު އެހެނިހެން ޕާޓީ ތައް ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ލީޑަރެވެ. ޖަމީލް އާއި ނަޝީދު އަދި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރުން ބޮޑެތި ކަރަޕްޝަން ހިންގާ ކަމަށް ތުހުމަތު ކޮށްފައެވެ.