Last Updated: May 20, 14:05
Tuesday, May 20, 2025
ކުޅިވަރު

މެޗުތައް ޝަންގްރިއްލާ، އެސްޓީއެލް އަދި އޭއައިއޭ އަށް

ހިތަދޫ ރެސްޕެކްޓް ކްލަބުގެ ފަރާތުން އައްޑޫ ސިޓީގެ ކުންފުނިތަކާއި އޮފީސްތަކުގެ މެދުގައި ބާއްވަމުން އަންނަ އުރީދޫ ރެސްޕެކްޓް ފުޓްސަލް ޗެލެެންޖުގެ ފުރަތަމަ ރޭގެ މެޗުތައް ޝަންގްރިއްލާ، އެސްޓީއެލް އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކާމިޔާބުކޮށްފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޝަންގްރިއްލާ އަދި އެފް ސީ ސިލްވާ ސޭންޑްސް ބައްދަލުކުރި މެޗު ކާމިޔާބުކުރީ ޝަންގްރިއްލާ އެވެ.

މިމެޗު ޝަންގްރިއްލާ ކާމިޔާބުކޮށްފައިވަނީ 2-3 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޝަންގްރިއްލާ ޓީމުގެ ޖާޒީ ނަމްބަރު 4، ހުސެން ވިފާގެވެ.

ރޭގައި ކުޅެވުނު ދެވަނަ މެޗުގައި ކަސްޓަމްސް އަދި ސަދަން ޓްރާންސްޕޯޓް ލިމިޓެޑް ބައްދަލުކޮށް، އެސްޓީއެލް ވަނީ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. 2-7 އިން އެސްޓީއެލް މެޗު ކާމިޔާބުކޮށްފައިވާއިރު މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސަދަން ޓްރާންސްޕޯޓް ލިމިޓެޑްގެ ޖާޒީ ނަމްބަރު 7، ހުޒާފަތު ރަޝީދެވެ.

ރޭގެ ފަހު މެޗުގައި ހިތަދޫ ޕޯޓް ލިމިޓެޑް އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓީމު ވާދަކޮށް 3-5 މެޗު ކާމިޔާބުކޮށްފައިވަނީ އެއާޕޯޓު ޓީމެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެއާޕޯޓު ޓީމުގެ ޖާޒީ ނަމްބަރު 5، އަބްދުﷲ އިމްރާނެވެ. އޭނާ ވަނީ މެޗުގައި ދެގޯލު އެޓީމަށް ޖަހާދީފައެވެ.