އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތާރު އަޅައިގެން ހަދާފައިވާ މަގުތަކުގައި ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީން ހަރުކުރި ސްޕީޑް ބްރޭކަރުތަކުގެ ތެރެއިން ބައެއް ބްރޭކަރުގެ ބައެއް ތަންތަން ނެއްޓިފައި ހުންނަ މައްސަލަ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ރޭ 22.30 ހާއިރު މަރަދޫ އާއި މަރަދޫފޭދޫ ގުޅޭ ހިސާބު ބޮޑު މަގުން ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން "އައްޑޫލައިވް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ އައްޑޫ ކޮމާންޑާރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޖަމްޝީދު އަލީ ވިދާޅުވީ، މަގުގައި ހަރު ކުރި ސްޕީޑް ބްރޭކަރުތައް ނެއްޓިފައި ހުރުމާއި އެކު ދުއްވާ ސްޕީޑް ބާރުވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
"ބްރޭކްރު ނެއްޓުނު ފަހުން ދުއްވާ ސްޕީޑް ބާރު ކަމަށް ފާހަގަ ކުރެވިފައިވަނީ، އެކަންކަމަށް ފުލުހުން މިދަނީ މަސައްކަތް ކުރަމުން، ޓްރެފިކް ބެލެހެއްޓުމަކީ ވަކި ދުވަހެއްގައި ފުލުހުން ކުރާ ކަމެއް ނޫން، އަބަދުވެސް ފުލުހުން ކުރާ މަސައްކަތެއް މީ. ސްޕީޑް ބްރޭކަރު ނެއްޓިފައި ހުރުމުން އަޅުގަނޑުމެް މިދަނީ ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީ އާއި މަޝްވަރާ ކުރަމުން، އަވަސް ހައްލެއް ހޯދަން"
ޖަމްޝީދު ވިދާޅުވީ، ބާރު ސްޕީޑްގައި އައްޑޫން ދުއްވަނީ ވަރަށް މަދު ބައެއްކަމަށެވެ. އަދި އެފަރާތްތައް ފުލުހުންނަށާއި އާއްމު ރައްޔިތުންނަށްވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޖަމްޝީދު ވިދާޅުވީ، ބްރޭކަރު ހަލާކު ކުރާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް އެތަން ނެއްޓިފައި ހުރުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
ސްޕީޑް ބްރޭކަރުން ތަންތަން ނެއްޓިފައި ހުރުމުން ދުއްވާ ފަރާތްތަކުން ބޭނުން ކުރަނީ ބްރޭކަރު ނެއްޓިފައި ހުންނަ ސަރަހައްދެވެ، އެހެންވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމަކީ ކައިރި ކަމެކެވެ.