Last Updated: June 27, 02:30
Saturday, June 27, 2026
ޚަބަރު

ސަރުކާރަށް ހޮސްޕިޓަލް ނޭޅޭ ނަމަ ކައުންސިލާ ހަވާލު ކުރޭ: ސޯބެ

އީސީސީ އަކީ އައްޑޫގެ ދަރުބާރުގެ ކަމަށާއި، ހޮސްޕިޓަލް އަޅަން ހުރި ފައިސާއިން އާ ހޮސްޕިޓަލެއް އެޅޭނެ ކަމަށް އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިތަދޫ އީސީސީގައި 100 އެނދުގެ ހޮސްޕިޓަލެއް ހެދުމަށް ބީލަމަށް ހުޅުވާލުމާއި ގުޅިގެން ސޯބެ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް އާ ހޮސްޕިޓަލް ނޭޅޭ ނަމަ ފައިސާ އާއި އެކު ކައުންސިލާއި ހޮސްޕިޓަލް އަޅަން ހަވާލު ކުރުމަށެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީން ވަނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ފިނޭންސްއިން މިގޮތަށް ހާމަކުރި އިރު އައްޑޫ ހޮސްޕިޓަލް އެޅުމަށް ސައުދީ ފަންޑުން 12.5 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 8.4 މިލިއަން ޑޮލަރު ހަމަޖެހިފައިވާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

އައްޑޫ ހޮސްޕިޓަލް އީސީސީގައި ހެދުމަށް އައްޑޫއަށް ނިސްބަތްވާ އެތައް ބަޔަކު ދެކޮޅުކަން ވަނީ ސަރުކާރަށް ދަންނަވާފައެވެ.

ސަރުކާރުން މީގެ ކުރިން ވަނީ ހިތަދޫ ސްޓޭޑިއަމް ސަރަހައްދުން ދޫކޮށްފައިވާ ބިމުގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ބޭނުންވާ ކުރެހުން ރިޔަން ކުންފުނި މެދުވެރިކޮށް ކުރަހާފައެވެ.

އަދި އެކުރެހުމަށް ފަހު ކުރިން ހަމަޖެހިފައިވާ 20 މިލިއަން ޑޮލަރުގެ އިތުރަށް އިތުރު 20 މިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.