Last Updated: June 28, 11:05
Sunday, June 28, 2026
ޚަބަރު

ފިލިޕިންސްގައި ހަތް ހަފުތާތެރޭ 1،800 މަރު

ފިލިޕިންސްގެ އާ ރައީސް ރޮޑްރިގޯ ޑުޓާޓް މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1،800 އާ ކައިރި ކުރާ ކަމަށް އެގައުމުގެ ޕޮލިސް ޗީފް އިއުލާންކޮށްފި އެވެ.

ސެނެޓް ކޮމިޓީއަށް މައުލޫމާތުދެމުން އޭނާ ބުނެފައިވަނީ ޑުޓާޓް ހުވާ ކުރި ފަހުން 712 މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 1،067 މީހަކު މަސްތުވާތަކެއްޗާ ގުޅުންހުރި ކަންކަމުގައި މިހާތަނަށް މަރުވެފައިވާކަމަށެވެ. މިއީ ކޮން ބަޔެއް ކަމަށް ނޭނގޭގޮތަށް ތިބި ބަޔަކު ހިންގާފައިވާ ގަތުލު އާންމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

މަރުވި މީހުންގެ އަދަދު ކުރީގައި އޮތީ 900 ގައި ކަމަށް އޮފިޝަލުންނާ ހަވާލާދީ ޕޮލިސް ޗީފް ވަނީ ނޫސްވެރިންނަށް މައުލޫމާތު ދީފައެވެ. އޭގެތެރޭގައި ޑުޓާޓްގެ އިންތިހާބު ކާމިޔާބުކޮށް ބޭއްވުނު އުފާފާޅުކުރުމުގެ ތެރޭގައި މަރުވި މީހުންވެސް ހިމެނޭކަމަށެވެ.

އުމުރުން 71 އަހަރުގެ ޑުޓާޓް ފިލިޕިންސްގެ ރައީސްކަމަށް އިންތިޚާބު ވެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރުމަށް ފަހުގައެވެ.

އޭނާ ބުނެފައިވަނީ ކުށްވެރިން 'ގަތުލު' ކޮށްލާނެ ކަމަށް އިންޒާރުވެސް ދީފައެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަމިއްލައަށް މަރުވުމަށްވެސް ގޮވާލާފައިވެއެވެ.

ޑުޓާޓްގެ މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު ގިނަވާން ފެށުމުން އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުންވަނީ އެކަށް ކުށްވެރިކޮށް ހުއްޓުމަށް އަޑުއުފުލާފައެވެ. ޑުޓާޓްގެ ޖަވާބަކަށް ވީ އޭނާ އަކީ އިންސާނީ ހައްގުތަކަށް ބަލާ މީހެއް ނޫންކަމަށެވެ.

އަދި ބޭރުގެ ފަރާތްތަކުން އޭނާގެ ހަނގުރާމައިގެ ތެރެއަށް ވަންނަ ކަމުގައިވާނަމަ އ.ދ ދޫކޮށް މިލިޓަރީ ވެރިކަމެއް ގާއިމުކުރާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދީފައެވެ.