މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ މިހާރު ގިނަ ވަގުތު އޮންނަނީ ކަރަންޓްގެ ހިދްމަތުން މަހްރޫމްވެފަ އެވެ. އައްޑޫގައި ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. މިއީ ރައްޔިތުން އުފުލަން ޖެހިފައިވާ ބޮޑު ތަކުލީފެކެވެ. ދުއްތުރާލެކެވެ.
މި ހަފްތާގައި ހުޅުމީދޫ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައަކާ ހެދި އެ ރަށު މީހުން ފަސް ގަޑި އިރަށް ވުރެ ގިނަ އިރު ކަރަންޓް ނުލިބި ތިބެން ޖެހުނެވެ.
އަނެއްކޮޅުން މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ނުކުރެވި ތިބުމުގެ ސަބަބުން ގުޅިފައިވާ ހަތަރު ރަށުން ދޭތެރެ ދޭތެރެ އިން ކަރަންޓް ކެނޑެއެވެ. އަދިވެސް އިންޖީނުތަކަށް ބޭނުންވާ ސްޕެއާޕާޓްސްއެއް ނުލިބެ އެވެ. ކަރަންޓްގެ ހިދްމަތް މި ވަގުތު ދެނީ މި އިންޖީނުތަކަށް ވަގުތީ މަރާމާތެއް ދީގެންނެވެ. އެހެންވެ ކޮންމެ އިރަކުވެސް މިއިން އިންޖީނެއް "ގޮވާފާނެ" ކަމުގެ ބިރު އެބައޮތެވެ.
ކުރިން އައްޑުއަށް ކަރަންޓް ދެމުން އައީ ސްޓެލްކޯއިންނެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ ފުވައްމުލަކާއި އައްޑޫ އެއްކޮށްލައި ސަދަން ޔޫޓިލިޓީޒް ލިމިޓެޑް (އެސްޔޫއެލް) އުފައްދައި އެ ކުންފުނީގެ ދަށައް އައްޑު އާއި ފުވައްމުލަކު އިންޖީނުގެތައް ބަދަލުކުރި އެވެ. އެހާތަނުން އައްޑޫ އަދި ފުވައްމުލަކަށް ކަރަންޓްގެ ހިދްމަތް ދެމުން އައީ އެސްޔޫއެލް އިންނެވެ.
އެ ކުންފުންޏަކީ ސަރުކާރުން އުފެއްދި ކުންފުނިތަކުގެ ތެރެއިން ފައިދާވި ހަމައެކަނި ޔުޓިލިޓީ ކުންފުނި އެވެ. އައްޑު އާއި ފުވައްމުލަކުގެ އާބާދީން އިންޖީނުގެ ހިންގޭނެ ވަރުގެ އާމްދަނީ އައީ ލިބެމުންނެވެ. އެހެންވެ އެހެން ހުރިހާ ޔުޓިލިޓީ ކުންފުނިތައް ދަރައި އޮތް އިރު އެސްޔޫއެލް ދިޔައީ ކުރިއަރަމުންނެވެ.
ސަތާރަ ވަނަ ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށް ނިންމި ހިސާބުން އެސްޔޫއެލްގެ ޒިންމާ ބޮޑުވި އެވެ. ސަމިޓްގެ ތައްޔާރީތަކުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ބަޔަކީ ވެސް އެސްޔޫއެލް މުވައްޒަފުންނެވެ.
ހިތަދޫގެ ބޮޑު މަގާއި ކޮންވެންޝަން ސެންޓަރުގެ ވަށައިގެންވާ މަގުތަކުގެ މަސައްކަތް ކުރީ އެސްޔޫއެލްއިންނެވެ. އައްޑޫގައި ގާއިމް ކުރާ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް ކުރަމުން އަންނަނީ މި ކުންފުނިންނެވެ. ހަގީގަތުގައި ވެސް މީ ކުރިމަގު އޮތް ކުންފުންޏެކެވެ.
ނަމަވެސް ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ އެކު މަންޒަރު މުޅިން އެހެން ގޮތަކަށް ބަދަލުވި އެވެ. އައްޑޫގައި ހުރި އެސްޔޫއެލްގެ ބާރު ކަނޑުވާލައި އެ ކުންފުނީގެ ހުރިހާ މުދަލަކާއި ފައިސާއެއް ފެނަކަ ކޯޕަރޭޝަންގެ ނަމުގައި އުފައްދާފައިވާ ކުންފުންޏެއްގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ފެނަކަ ދަށުގައި މިހާރު ނެތް އިންޖީނުގެއެއް ނެތެވެ. އެ ކުންފުންޏަކަށް ވާނުވާއެއް ނޭނގެ އެވެ. އެތާނގެ ވެރިންނަށް ކިޔޭ ނުކިއޭ އެއް ނޭނގެ އެވެ.
ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލަކީ ބޮޑު ސިޔާސީ ޕާޓީއެއްގެ ސިޔާސީ ލީޑަރަކެވެ. އޭނާގެ މަސައްކަތަކީ އެ ޕާޓީގެ މަގާމުތަކަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރެއްވުމެވެ. ރައްޔިތުން މިތިބެނީ ކަރަންޓުން މަހުރޫމްވެ ކަނު އަދިރީގަ އެވެ.
ފެނަކަ ކޯޕަރޭޝަން ދަށަށް އެސްޔޫއެލް ގެންދިއުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ކަންބޮޑުވާ މައްސަލައެކެވެ. ފެނަކަ ކޯޕަރޭޝަން މިހާރު އޮތް ގޮތުން އެކަމުގެ އެންމެ ބޮޑު ގެއްލުމެއްވާނެ އެއް ބަޔަކީ އައްޑޫ ރައްޔިތުންނެވެ.
އެކަން މިހާރު ވެސް މި ވަނީ ފެންނަން ފަށާފަ އެވެ. އެސްޔޫއެލްގައި ހުރި ހުރިހާ ފައިސާއެއް ވަނީ ފެނަކަ އަށް ބަދަލުކޮށްފަ އެވެ. މެޝިނަރީޒްތައް ވަނީ ފެނަކަ އަށް ބަދަލުކޮށް ފައެވެ.
އެހެންވެ މި ސާމާނުތައް އައްޑޫން ބޭރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަނެއްކޮޅުން އިންޖީނުގެއަށް ބޭނުންވާ ސާމާން ގަންނަން ޖެހެނީ ފެނަކައަށް ލިޔެގެން ގަނަތެޅިގެންނެވެ. ކުރިން އަމިއްލަ އަށް ކުރަމުން އައި މިކަން މާލޭގައި ހުރި އޮފީހަކަށް ބަދަލުވުމުން ދެން ވާނެ ފަސޭހަ އެންމެނަށް އެނގޭނެ އެވެ.
އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ކަރަންޓުގެ ހިދްމަތުން މަހުރޫމު ކޮށްގެން ހިންގާ ކުންފުނަޏަކަށް ފެނަކަ ވަނީ ވެފަ އެވެ. އެހެންވެ އައްޑޫ ރައްޔިތުންނަށް ކުރިއެރުން އޮތީ މި ފެނަކަ ކޯޕަރޭޝަނުން އެސްޔޫއެލް މިނިވަން ކޮށް، ކުރިން ވެސް އެ ކުންފުނި ހިންގަމުން އައި ގޮތަށް އަމިއްލަ ފައިމައްޗަށް ދޫކޮށްލައިގެންނެވެ. ނޫންނަމަ ރައްޔިތުން އަބަދުމެ އުޅެން ޖެހޭނީ މި ކަނު އަނދިރިކަމުގެ ތެރޭގަ އެވެ.