ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވި ބަޖެޓުން ފުއްދުމަށްޓަކައި ޚަރަދު ކުޑަކުރެއްވުމުގެ މުހިންމު ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި އެވެ.
މި ފިޔަވަޅުތައް އެޅުއްވުމަށް ނިންމެވީ، އިއްޔެ ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. އެގޮތުން އެޅުއްވުމަށް ނިންމެވި ފިޔަވަޅުތަކުގެ ތަފްޞީލު، އެ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ވަރަށް އަވަހަށް އަންގަވާނެ އެވެ.
އިއްޔެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ ޚަރަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ނުކޮށްފި ނަމަ، އަހަރުގެ ފަހު ކޮޅަށްދާ އިރު ބޮޑެތި ދަތިތަކަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަ ކުރެއްވި އެވެ.
ދައުލަތުން ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓުމަކަށް ނުގެނެސް، އެ ޚިދުމަތްތައް ފޯރުކޮށް ދެއްވަމުން ގެންދެވުމަށް ވެސް ވަޒީރުންގެ ޖަލްސާ އިން ނިންމެވި އެވެ.