Last Updated: June 28, 11:05
Sunday, June 28, 2026
ކުޅިވަރު

ޓީމުގައި ޝްވެއިންސްޓެއިގާއަކަށް ޖާގައެއް ނެތް: މޮރީނިއޯ

މިދިޔަ ސީޒަނުގައި ޖަރުމަނުގެ ބެޔާން މިއުނިކް އިން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރި ބަސްޓިއަން ޝްވެއިންސްޓެއިގާއަށް ޔުނައިޓެޑުގެ ސްކޮޑުން ޖާގައެއް ނެތް ކަމަށް ކޯޗު މޮރީނިއޯ ބުނެފިއެވެ.

މިރޭ ހަލް ސިޓީ އާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން މޮރީނިއޯ ބުނެފައިވަނީ ޝްވެއިންސްޓެއިގާއާ ގުޅޭގޮތުން އޭނާ ވަނީ ނިންމުމަކަށް އައިސްފައެވެ.

އޭނާ ކުޅުމުން ފެނިދާނެތޯ ސުވާލުކުރުމުން މޮރީނިއޯ ޖަވާބުދީފައިވަނީ އެއީ ވަރަށް ދުރުގައި އޮތް ކަމެކެވެ.

"ނިންމުމަކީ އަހަންނަށް ވަރަށް އުނދަގޫ ނިންމުމެއް. ނަމަވެސް އަހަރެން ވަނީ ނިންމުމަކަށް އައިސްފައި. 2 ޕޮސިޝަނަކަށް ކުޅޭ 5 ކުޅުންތެރިން މިހާރުވެސް ޓީމުގައި އެބަތިބި. އެހެންކަމުން އިތުރު ކުޅުންތެރިޔަކަށް ފުރުސަތެއް އޮތީ ވަރަށް ދުރުގައި."

އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގެވެސް ބޮޑު ބައި ކުޅުމާ ދުރުގައި ހޭދަކުރި ޝްވެއިންސްޓެއިގާ ނިމިގެން ދިޔަ ޔޫރޯގައިވެސް ބައިވެރިވެފައިވަނީ އަނިޔާގައި ހުރެގެންނެވެ.

ނަމަވެސް ޝްވެއިންސްޓެއިގާ ގެ ފޭސްބުކްގައިވަނީ މެންޗެސްޓާ ޔުނައިޓެޑް ނޫން އެހެން ކުލަބަކަށް ދެން ނުކުޅޭނެ ކަމަށް ބުނެފައެވެ. މެންޗެސްޓާ ޔުނައިޓެޑަކީ ބެޔާން ދޫކޮށް އަންނާނެ ހަމައެކަނި ޓީމަށްވެފައި އޭނާ އެހެން ކުލަބަކަށް ދެން ކުޅެން ބޭނުން ނުވާކަމަށް ޝްވީނީ ވަނީ ތަކުރާރުކޮށްފައެވެ.

ޝްވެއިންސްޓެއިގާއަކީ މެންޗެސްޓާ ޔުނައިޓެޑްގެ %90 ސަޕޯޓަރުންގެ ލޯބި ހޯދާފައިވާ ކުޅުންތެރިޔެކެވެ. ގިނައަދަދެއްގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިޔާގައި އޭނާއަށް ހެޔޮއެދޭ ބަސްތައް ރައްދު ކުރަމުންނެވެ.