އަތޮޅުތަކުގެ ކުށްކުރާ ނިސްބަތަށް ބަލައި އައްޑޫ ސިޓީގައި މިހާރު ފުލުހުން ކުރިއަށް ގެންދާ ފަދަ އޮޕަރޭޝަންތަކެއް ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށް ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރުހާދު ފިކުރީ ވިދާޅުވެއްޖެ އެވެ.
ފުލުހުން މިހާރު އައްޑޫ ސިޓީގައި ކުރިއަށް ގެންދާ “އަފިރިންގެ އަމާން އައްޑޫ ސިޓީ” އޮޕަރޭޝަނާ ގުޅޭ ގޮތުން އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރުހާދު ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދާ ފަދަ އޮޕަރޭޝަނެއް ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގައި ކުށްކުރަމުންދާ ނިސްބަތަށް ބަލައި އެ އަތޮޅުތަކަށް އަމާޒްކޮށްގެން ހިންގާނެ ކަމަށެވެ.
ފުލުހުން ޚާާއްސަ އޮޕަރޭޝަނެއް އައްޑޫ ސިޓީގައި ފަށާފައި މި ވަނީ އައްޑޫގައި ކުށްކުރުން އިތުރުވެ ރައްޔިތުންނަށް ބޭނުންވާ އަމާންކަމާއި ސަލާމަތްތެރިކަން އިތުރަށް ބޭނުންވާތީ އެވެ.
އެގޮތުން މި އޮޕަރޭޝަނަކީ އައްޑޫގެ ރައްޔިތުންނަށް އަމާން މާޙައުލެއް ޤާއިމް ކޮށްދީ، މަސްތުވާ ތަކެއްޗަށް ހުރި ދޮރުތައް ބަންދުކޮށް ރަލާއި މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން އެކަންކަމުން ސަލާމަތްކޮށް، ރާވައިގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމުގެ އިތުރުން އައްޑުއަކީ ޖިނާޢީ ކުށްތައް މަދު، ކުށުގެ ޢަމަލުތަކާއި ދުރު ރައްޔިތަކު އުޅޭ ތަނަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ވެސް ފަރުޙާދު ވިދާޅުވި އެވެ.