Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

"ކެމްޕޭން ޖަލްސާ ލައިވް ކުރި މައްސަލަ އޭސީސީ އަށް ވައްދަން ޖެހޭ"

ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ - ސޯޝަލް މީޑިޔާ

ދައުލަތުގެ މީޑިޔާ، ޕަބްލިކް ސާވިސް މީޑިޔާ ރޭ ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާއެއް ލައިވް ކުރުމުން، އެއީ ދައުލަތުގެ މީޑިޔާ ހަމަހަމަކަމެއް ނެތި ނަހަމަގޮތުގައި ބޭނުން ކުރުން ކަމަށް ތުހުމަތުކޮށް އެމައްސަލަ އިދިކޮޅު އެމްޑީޕީއިން ކުއްވެރިކޮށް އޭސީސީ އަށް ވައްދަން ގޮވާލައިފިއެވެ.

އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ މިިއަދު ވިދާޅުވެފައިވަނީ މިއީ އެއްވެސް ހަމަހަމަކަމެއް ނެތި ވަކި ޕާޓީއަކަށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ. އަދި މި މައްސަލައަކީ ވަގުތުން ވަގުތަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވައްދަން ޖެހޭ ވަރުގެ މައްސަލައެއްކަމަށްވެސް އިންތި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން 2018 ޖަހައިގެން ރޭ ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސީ ޕީއެސްއެމް އިން ވަގުތުން ގެނެސްދީފައިވާއިރު އިދިކޮޅު ފަރާތްތަކުގެ އިވެންޓުތައް އެފަރާތުން ގެނެސްނުދޭ ކަން އިމްތިޔާޒް ވަނީ ފާހަގަކޮށްފައެވެ.

"އެންމެ ގިނަ ޓެކްސް ދައްކާ އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއް ނުވަތަ ޚަބަރެއް ވެސް ގެނެސް ނުދީ ޕީއެސްއެމުން ކުރާ ކަމެއް މިއީ." ޕީއެސްއެމްގެ މިއަމަލު ކުއްވެރިކުރަމުން އިމްތިޔާޒް ބުނެފައިވެއެވެ.

މިމައްސަލައާއި ގުޅިގެން ޕީއެސްއެމްގެ ތަރުޖަމާނު އަބްދުﷲ ރަމީޒް ވިދާޅުވެފައިވަނީ އެބޭފުޅުން ޚަބަރާއި މަންޒަރު ގެނެސްދެނީ އެތަނުގައި ގެންގުޅޭ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ. އަދި އެޖަލްސާ ވަގުތުން ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވަނީ ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށް އެމީޑިޔާ އިން ނުދެކޭ ކަމަށްވެސް ރަމީޒް ވިދާޅުވެފައިވެއެވެ.