Last Updated: May 6, 14:14
Monday, May 6, 2024
ވިޔަފާރި

ހަންކެޑެ މައްސަލާގައި ސަރުކާރަށް ސިޓީއެއް

އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން އެންމެ ފުރަތަމަ އިއުލާން ކުރި ރަށްތަކުގެ ތެރޭގައި ހިމެނޭ ހަންކެޑެ ސިޓީ ހޮޓަލުގެ މަސައްކަތް މިހާތަނަށް ފެށިފައި ނުވާތީ އެކަން އަވަސްކޮށް ދިނުމަށް އެދި އައްޑު ސިޓީ ކައުންސިލުން ސަރުކާރަށް ސިޓީއެއް ފޮނުވައިފި އެވެ.

ކައުންސިލުން ބުނީ އެ ސިޓީ ސަރުކާރަށް ފޮނުވީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ.

ހަންކެޑެއިގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން 2005 ގައި އިއުލާންކޮށް، އެ ރަށް އެންމެ ފުރަތަމަ ހަވާލު ކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ.

އެއީ 18 މަސް ދުވަހުގެ ތެރޭގައި ތަރައްގީކޮށް ނިންމާ ގޮތަށެވެ.

އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް އެކަން ނުވުމުން ސަރުކާރުން ވަނީ ތޫނޑު 2،500 ޑޮލަރުން ޖޫރިމަނާކޮށް، އެ ކުންފުނި އަތުން ހަންކެޑެ ނަގާފަ އެވެ.

ފަހުން ހަންކެޑެ ހަވާލު ކުރީ ސިންގަޕޫރުގެ ކްރެސެންޑާސް އާ އެވެ.

އެ ކުންފުޏަކީ މިހާރުގެ ކެނަރީފް ރިސޯޓް ވެސް ހިންގާ ކުންފުންޏެވެ.

ކްރެސެންސްޑާސް އިން ކުރިން ބުނެފައިވާ ގޮތުގައި 2013 ގައި ހަންކެޑެ ތަރައްގީ ކުރަން ފަށައި 2014 ގައި ނިންމާނެ އެވެ.

އެކަމަކު މިހާތަނަށް ހަންކެޑެ ތަރައްގީ ކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންގޮސްފައެއް ނުވެ އެެވެ.