Last Updated: June 28, 11:05
Sunday, June 28, 2026
ކުޅިވަރު

ސިޓީ މޮޅުވެ ތާވަލުގެ އެއްވަނަ އަށް

އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގެ ތިންވަނަ މެޗު ޔުނައިޓެޑާއި ޗެލްސީއެކޭ އެއްފަދައިން ސިޓީވެސް ކާމިޔާބުކޮށްފިއެވެ. ސިޓީގެ މިމޮޅާއެކު އެމީހުން ވަނީ އެއް ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ ލިބިފައެވެ.

ވެސްޓް ހެމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ސިޓީ ކާމިޔާބުކޮށްފައިވަނީ 1-3 އިންނެވެ. ސިޓީގެ ތިން ގޯލުގެ ތެރެއިން ރޭގެ މެޗުގައި ދެ ގޯލު ޖަހާފައިވަނީ މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރަހީމް ސްޓާލިންގެވެ.

މެޗުގެ ފުރަތަމަ ހާފު 0-2 ގައި ސިޓީ ނިންމާލާފައިވަނީ ރަހީމް ސްޓާލިންގް އަދި ފާނަންޑީނިއޯގެ ގޯލުތަކާއެކުގައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ވެސްޓް ހެމްގެ މިކެލް އެންޓޯނިއޯ ވަނީ ގޯލެއް ޖަހައި ސިޓީގެ ލީޑު ހަނިކޮށްފައެވެ.

ނަމަވެސް ވެސްޓް ހެމް އަށް ނަތީޖާ އެއްވަރު ނުކުރެވި މެޗު ނިމެން ކައިރިވެފައިވަނިކޮށް ސިޓީގެ ފަހު ގޯލު ޖަހާފައިވަނީ ސްޓާލިންގްއެވެ.

ރޭގެ މެޗުގައި ސިޓީގެ އިތުބާރު ފޯވާޑް ކުން އެގުއޭރޯ ވެސްޓް ހެމްގެ ވިންސްޓަން ރީޑްގެ މޫނުމަތީގައި އުޅަނބޮށިން ޖެހިތަން ކެމެރާއަށް ވަނީ އަރާފައެވެ. ނަމަވެސް ރެފްރީ އަށް އެމަންޒަރު ފެނިފައިނުވާތީ އޭނާއަށް ކާޑެއް ދައްކާފައެއްނުވެއެވެ.

އެހެންނަމަވެސް އިނގިރޭސި އެފްއޭ އިން އަގުއޭރޯއާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ. ބޮޑަށް ބެލެވެނީ ޖޫރިމަނާއަކާއެކު އެއް މެޗަށް ސަސްޕެންޑު ކުރާނެކަމަށެވެ. މިގޮތަށް ފިޔަވަޅު އަޅައިފިނަމަ އަންނަ މަހު 10 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު އަގުއޭރޯ އަށް ގެއްލޭނެއެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ އޭނާއަށް އެގުއޭރޯގެ ފަރާތުން ގަސްތުގައި އަނިޔާވެރި ކުޅުމެއް ފެނިފައިނުވާކަމަށެވެ.