Last Updated: June 28, 11:05
Sunday, June 28, 2026
ކުޅިވަރު

ބިލްބާއޯގެ މައްޗަށް ހަނިގޮތަކަށް ބާސާ ކުރިހޯދައިފި

ސްޕެނިޝް ލަލީގާ ގައި އެތްލެޓިކް ބިލްބާއޯ އާ ދެކޮޅަށް ޗެމްޕިއަން ބާސާ ކުޅުނު މެޗު 0-1 އިން ކާމިޔާބުކޮށްފިއެވެ.

ސީޒަނުގެ ފުރަތަމަ މެޗުގައި ހެޓްރިކް ހަދާފައިވާ އަގުއޭރޯ އަދި މެސީގެ ފަރާތުން ރޭގެ މެޗުގައި ގޯލެއް ފެނިފައިނުވާއިރު މެޗުގެ ހަމައެކަނި ގޯލު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ އިވާން ރަކިޓިކްއެވެ.

ބާސާގެ 1 ނަންބަރު ގޯލު ކީޕަރު ބްރާވޯ ސިޓީއަށް ސޮއިކޮށް، އޭނާގެ ބަދަލުގައި އެރޯލަށް ދެވަނަ ކީޕަރު ސްޓާޖެން ހަމަޖައްސާފައިވާއިރު ސަޕޯޓަރުން ވަނީ ނުރުހިފައެވެ.

މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ސުޕަކަޕް މެޗު ބާސާއިން ވަނީ 0-4 އިން ސަން މަމޭ އަތުން ބަލިވެފައެވެ. ނަމަވެސް ރޭގައި ކުޅުނު މެޗުގައި ސްޓާޖެން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ރަނގަޅު ކުޅުމަކާއެކު ރޭގެ މެޗު ބާސާއިން ފެށި ނަމަވެސް ދެވަނަ ހާފުގައި ކުޅުން ވަނީ ދަށް ވެފައެވެ. ބިލްބާއޯ އިން ޑިފެންސަށް ވިސްނައި ދެވަނަ ހާފު ވަނީ ރަނގަޅުކޮށްފައެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު ކުލަބު ފުޓުބޯޅަ އެނބުރި އަންނާނީ ސެޕްޓެމްބަރު 10ގައެވެ. ބާސާ ކުޅޭނީ ލީގުގައި އަލާވާސް އާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގު ފެށޭނީ އަންނަ މަހުގެ 13 ގައެވެ. ފުރަތަމަ މެޗުގައި ބާސާ ނިކުންނާނީ ސެލްޓިކް އާ ދެކޮޅަށެވެ.