އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީގު ކުރީގެ ރައީސް ޝެއިޚް އާދަމް ނަސީމް (ބީއޭ ނަސީމް) އަދާލަތު ޕާޓީ އާ ގުޅި ވަޑައިގެންފައިވާ ކަމަށް އަދާލަތުން ބުނެފި އެވެ.
ކުރީގެ ސަރުކާރުން ރާއްޖޭގެ ތައުލީމީ ނިޒާމަށް ގެންނަމުން ދިޔަ ބަދަލުތަކަކީ އެކަމުގެ ސަބަބުން އިސްލާމް ދީނަށާއި ދިވެހި ގައުމަށް ވަރަށް ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެ ބަދަލުތަކެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސް ކަމުންނާއި އެމްޑީޕީގެ މެންބަރުކަމުން ނޮވެމްބަރު 7، 2010 ގައި ވަކިވެވަޑައިގެންފައިފާ ބީއޭ ނަސީމް އަދާލަތު ޕާޓީ އާ ގުޅިވަޑައިގެންފައި ވަނީ އަދާލަތު ޕާޓީން ދީނާއި ގައުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުމުގެ ގޮތުން ކަމަށް އެޕާޓީން ބުންޏެވެ.
އަދާލަތުން ބުނީ ބީއޭ ނަސީމް އެޕާޓީ އަށް ސޮއިކުރެއްވުމަކީ އެ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އަބަދުވެސް އެފަދަ ފަރާތްތަކަށް ޕާޓީން މަރުހަބާ ކިޔާނެ ކަމަށް އަދާލަތުން ބުންޏެވެ.
ދީނީ ގިނަ އިލްމުވެރިން ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީ އާ ބީއޭ ނަސީމް ގުޅިވަޑައިގެންފައި މި ވަނީ އެ ޕާޓީއަށް 10،000 މެންބަރުން ހަމަ ކުރުމަށް މަސައްކަތް ވެސް ކުރަމުން ދަނިކޮށެވެ.
ބީއޭ ނަސީމަކީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގެ އިސްލާމީ ގޮފީގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.