Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ރައްޔިތުންގެ ޓްރަސްޓް ފަންޑަށް މުއްދަތު އިތުރުކޮށްފި

"އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް" ގެ ނަމުގައި ކައުންސިލުން އުފައްދާފައިވާ ފަންޑްގެ ހިންގާ ކޮމިޓީގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުން ކައުންސިލުން އިތުރުކޮށްފި އެވެ.

މެއި 5، 2016 ގައި ގާއިމު ކުރި ފަންޑްގެ ހިންގާ ކޮމިޓީގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ކުރިން ހުޅުވާލި މުއްދަތު ހަމަވީ މެއި މަހުގެ 20 ވަނަ ދުވަހު އެވެ.

އެހެން ނަމަވެސް އަލަށް ދިން ފުރުސަތުގައި ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 20 ގަ އެވެ.

ޓްރަސްޓް ފަންޑް ކޮމިޓީގައި އަށް މެމްބަރުން ހިމެނޭ އިރު، އެ ކޮމިޓީ ހިންގާ ކޮމިޓީ އަށް މިހާރު މެމްބަރުން ހޯދަން ބޭނުން ވަނީ ހަތަރު ދާއިރާއަކުންނެވެ.

އެއީ އިޖުތިމާއި، ފަތުރުވެރިކަން، ސިނައަތާއި ގަނެ ވިއްކުމުގެ ދާއިރާ އާންމުންގެ ތެރެއިން މެމްބަރެކެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވުން، ދާއިރާއިން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ފތުރުވެރިކަމުގެ ދާއިރާ ނަމަ މެނޭޖަރު ލެވެލް އިން ފެށިގެން މަތީ މަޤާމެއް އަދާކުރާ ފަރާތަކަށްވުން އަދި އައްޑޫގައި ދިރިއުޅުއްވާ އައްޑޫ ރައްޔިތަކަށްވުން ހިމެނެ އެވެ.

ޓްރަސްޓް ފަންޑްގެ ހިންގާ ކޮމިޓީގެ ދައުރަކީ އެއް އަހަރެވެ.

އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑު" ގެ ބޭނުމަކީ އައްޑޫ ސިޓީ ކައުންސިލް ހިމެނޭ ދާއިރާގެ ރައްޔިތުންނާއި ދާއިރާގެ ތަރައްޤީ އަށް އެހީތެރިވުމަށް އެދޭ، ރާއްޖޭގައި ހިންގާ ވިޔަފާރިތަކުންނާއި އެނޫން ވެސް ފަރާތްތަކުން ތަރައްޤީ އަށް ޚަރަދު ކުރުމަށް ދޭ ފައިސާ، އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑުގެ ޓްރަސްޓްގައި ބަހައްޓައި ބެލެެހެއްޓުމެވެ.

ފަންޑުން ކުރުން ހުއްދަ ހަރަދުތަކަކީ:

* އައްޑޫގެ އިގުތިސާދު ކުރިއެރުވުމަށް އެކިއެކި މަސައްކަތް ކުރުން
* އައްޑޫގެ އިޖުތިމާއީ ކުރިއެރުމަށް މަސައްކަތް ކުރުން
* އައްޑޫގެ އަންހެނުން ބާރުވެރި ކުރުވުމަށް އެކިއެކި މަސައްކަތް ކުރުން
* އައްޑޫ ސިޓީ ކައުންސިލްގެ އައްޑޫ ރައްޔިތުންގެ ޓްރަސްޓް ފަންޑް ދިރުވުމަށްޓަކައި ކުރަން ޖެހޭ ވިޔަފާރިތަކާއި އިންވެސްޓްމަންޓްތައް ކުރުމަށާއި އެކަމަށް ކުރަންޖެހޭ ޚަރަދުތައް