Last Updated: June 26, 20:28
Friday, June 26, 2026
ޚަބަރު

ހިތަދޫ ފެނު އަޑީގައި، މުއައްސަސާތައް ނިދާފައި!

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިއްޔެ ރޭ ފަތިހުން ފެށިގެން ހިތަދޫއަށް ބޯކޮށް ވާރޭ ވެހި ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެފައިވާ އިރު މިކަމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން އެކަށީގެންވާ މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ.

ހިތަދޫގެ މޫލެކެޑެ، އަދި ބޭރުމަތީގެ ބައެއް ގޭގެއަށް ފެންވަދެ، މަގުތަކުން ދުއްވާއެއްޗެއްސާއި މީހުންނަށް ދަތުރު ނުކުރެވޭއިރު ފެން ހިއްކުމުގެ މަސައްކަތް ކުރާތަން ފެނިވައިވަނީ ހައުސިން މިނިސްޓްރީގެ ވެހިކަލަކާއި، އެމްއެންޑީއެފްގެ ބައެކެވެ.

floodaddu
ހިތަދޫއަށް ދިމާވެފައިވާ ފެނުގެ ކާރިސާ އާއި ބެހޭ މައުލޫމާތު އިއްޔެ، 2 ޖެހުމާއި ހަމައަށް ލިބިފައި ނުވާކަމަށް ނެޝަނަލް ޑިޒާސްޓާ ސެންޓަރު ބުނެފައިވާ އިރު އަދި މިހާތަނަށް ޑިޒާސްޓާރ ގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑޫއަށް ދިމާވާ މިފަދަ ކާރިސާތަކުގައި މީގެ ކުރިން މަސައްކަތްކޮށްފައިވާ މިންވަރާއި ގާތަށްވެސް އަދި މިހާތަނަށް އަދި ފެން ހިއްކުމާއި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ މަސައްކަތް ކުރާތަނެއް ނުފެނެއެވެ.

މީގެ ކުރިން މިފަދަ ހާދިސާތަކުގައި ގެއްލުން ލިބޭ ފަރާތްތަކުގެ މައުލޫމާތު ހޯދުމުގައި އައްޑޫ ސިޓީ ކައުންސިލުން މަސައްކަތް ކުރާތަން ފެނެއެވެ.

ޢައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް ވިދާޅުވީ އިއްޔެ ހެނދުނުން ފެށިގެން ވާރޭވެހި ގެއްލުން ލިބެމުންދާ ކަމުގެ މައުލޫމާތު ޑިޒާސްޓަރ ސެންޓަރަށް ކައުންސިލުން ދިޔައީ ފޯރުކޮށްދެމުންނެވެ.

ހިތަދޫ މޫލެކެޑެ ސަރަހައްދުން ވާހަކަ ދެއްކި މީހަކު ބުނީ އިއްޔެއިން ފެށިގެން، އެހިސާބުގެ ގިނަ ގޭގެ ފާހާނާތައް ބޭނުން ނުކުރެވޭއިރު، ބައެއް ޖަންކްޝަން ތަކުން ނަޖިސް ބޭރުވެފައިވާ ކަމަށެވެ.
mndf

"އިއްޔެއިން ފެށިގެން މިތިބީ ގެއަށް ފެންނަ ނުވަންނަ ގޮތް ހަދައިގެން، ގޯތިތެރެ މިއޮތީ ފެނުން ފުރިފައި، އެންމެ ދެރައީ ފާހާނާ ކުރެވޭނެ ގޮތް ނެތުމުން"

ފާހާނާ ތަކުން ނަޖިސް ބޭރުވެފައިވާ އިރު ބައެއް ރައްޔިތުންތިބީ މިއާއިއެކު ބަލިމަޑު ކަމެއް ފެތުރިދާނެކަމުގެ ބިރުގައެވެ. އެފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި، މިކަމުގައި ސިއްހީދާއިރާގެ ފަރާތުން އިސް ދައުރެއް އަދާ ކުރަންޖެހެއެވެ.
flood addu

ހިތަދޫއަށް ކުރަމުންދާ ވިއްސާރާގައި ރޭވެސް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. މިހާތަނަށް ގެއްލުން ލިބުނު ގޭގޭގެ ރަސްމީ އަދަދެއް ނޭގުނަސް ގިނަ ގެތަކަށް ގެއްލުން ވަނީ ލިބިފައެވެ.

ހިތަދޫގެ ބޮޑުބައެއް ފެނުއަޑީގައި އޮތް އިރު، މިކަމުގައި ޓާސްކް ފޯސްއެއް ނަގައި، މިކާރިސާއިން މީހުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ހޯދާލުމަށް އައްޑޫލައިވް"" އިން ތަކުރާރުކޮށް ގުޅުމުންވެސް ޑިޒާސްޓަރ ސެންޓަރުގެ މީޑިއާ އޮފިޝަލްގެ ފޯނު ނުނަންގަވާތީ ތަފްސީލެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އައްޑޫލައިވް އާއި ވާހަކަ ދެއްކި ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ، ހިތަދޫއަށް ދިމާވެފައިވާ ކާރިސާއިން ރައްޔިތުން ސަލާމަތް ކުރުމަށް އައްޑޫގައި މިހާރު ހުރި މުވައްސަސާތަކުން އެކުގައި މަސައްކަތް ކޮށްފިނަމަ އަވަސް ހައްލެއް ލިބިގެންދާނެކަމަށެވެ.

"ފެނަކަ، އެމްއާރްޑީސީ، ސިފައިން، ފުލުހުން، ހިތަދޫ ޕޯޓްސް ލިމިޓެޑް، ހޮސްޕިޓަލް، މިތަންތަނުން ނިކުމެއްޖެ ނަމަ މިހާރު ހުރި ވަސީލަތްތައް ބޭނުންކޮށްގެންވެސް ދެން ވާރޭ ވެހުމުގެ ކުރިން ފެންގަނޑުން ބައެއް ހިންދާލެވި، ފެން ވަންނަ ގެތަކުގައި ބަސްތާފަދަ ތަކެތި ޖަހާ ދެވިދާނެ" އޮފިޝަލް ވިދާޅުވިއެވެ.