Last Updated: June 28, 11:05
Sunday, June 28, 2026
ޚަބަރު

"ސްޓީލިން ޕެރަޑައިސް" ނެރުން ފަސްކޮށްފި

ދިވެހިރާއްޖެ އާއި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރޮޕްޝަން ދައްކުވައިދޭ ޑޮކިއުމެންޓަރީ "ސްޓީލިންގ ޕެރެޑައިސް" ގެ ޕްރިމިއާ ދެއްކުން އަލްޖަޒީރާ އިން ފަސްކޮށްފިއެވެ.

އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޓީމުން ތައްޔާރުކުރި މި ޑޮކިއުމެންޓަރީގައި ރާއްޖޭގެ ސަރުކާރުން ހިންގާ ބޮޑެތި ކޮރޮޕްޝަންގެ އަމަލުތަކުގެ ވާހަކަ ދައްކުވައި، އެކި ފަރާތްތަކުގެ އިންޓަވިއު ނަގާފައިވާކަމަށް ޚަބަރު ލިބެއެވެ.

ރޭގެ ވަގުތެއްގައި ދެއްކުމަށް ކުރިން ހަމަޖައްސާފައި އޮތް ޑޮކިއުމެންޓަރީގެ ޕްރިމިއާ އެފަރާތުން ވަނީ ފަސްކޮށްފައެވެ. އެއީ ކޮން ސަބަބަކާ ލައިގެން ކަމެއް ނުވަތަ ދައްކާނީ ކޮން ދުވަހެއް ކަމެއްވެސް އަލްޖަޒީރާއިން ހާމަކޮށްފައި ނުވެއެވެ.

ނަމަވެސް އަލްޖަޒީރާގެ ޓީވީ ޝެޑުލްގައި އަދިވެސް ޑޮކިއުމެންޓަރީ ދެއްކުމަށް ތާވަލުކޮށްފައި އޮތް ގޮތަށް ބަދަލެއް އައިސްފައިނުވެއެވެ. އަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން ހަވީރު 5:00 ގައި ދެއްކުމަށް އޮތް އޮތުމަށް އެއްވެސް ބަދަލެއް އައިސްފައިނުވެއެވެ.

މި ޑޮކިއުމެންޓަރީ އާ ބެހޭގޮތުން އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެފައިވަނީ ކޮންމެ ފިޔަވަޅެއް އެޅިޔަސް ޑޮކިއުމެންޓަރީ ރައްޔިތުންނާ ހަމައަށް ގެނެސްދެވޭނެ ކަމަށެވެ.

އަދި އިދިކޮޅު ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކު ވިދާޅުވެފައިވަނީ ޑޮކިއުމެންޓަރީއަށް ދޮގު މައުލޫމާތެއް ދީފައިވާނަމަ އެފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ޑޮކިއުމެންޓަރީގެ ޕްރިމިއާ މިހާރު ފަސްކުރެވިފައިވާއިރު އެހަފްލާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަލްޖަޒީރާއިން ވަނީ ދައުވަތު އަރުވާފައެވެ. ނަމަވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު އަނބުރާ ރާއްޖެ ގެނައުމަށް ދިވެހި ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ.