Last Updated: June 28, 11:05
Sunday, June 28, 2026
ކުޅިވަރު

ލޫކަސް ޕެރޭޒާާއި މުސްތާފީ އާސެނަލް އަށް

ޑިޕޯޓިވޯ ލަ ކްރޫނޯގެ ހުނަރުވެރި ފޯވާޑް ލޫކަސް ޕެރޭޒް އަދި ވެލެންސިއާގެ ޑިފެންޑަރު ޝްކޮދްރަން މުސްތާފީ އިނގިރޭސިވިލާތުގެ އާސެނަލްއަށް ސޮއިކޮށްފިއެވެ.

އާސެނަލްއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފޯވާޑް ޕޮސިޝަނަށް ކުޅޭނެ ރަނގަޅު ކުޅުންތެރިޔަކު ނެތުމާއި އިތުބާރު ހުރި ޑިފެންޑަރުން މަދުވުމުގެ މައްސަލައެވެ.

އާސެން ވެންގާ ކުޅުންތެރިން ޓީމަށް ނުގެންނާތީ އޭނާއަށް ކޮންމެ ސީޒަނެއްގައިވެސް ސަޕޯޓަރުންގެ ކަންބޮޑުވުންތައް އަމާޒުވެއެވެ. އެތައް ދުވަހަކަށް ސަޕޯޓަރުން އާ ކުޅުންތެރިޔަކު އައުމުގެ އުއްމީދުގައި ތިބެ، ޓްރާންސްފާ ވިންޑޯ ބަންދުވާން ގަޑިއިރުތަކެއް ވެފައިވަނިކޮށް ކުލަބުން ވަނީ ޕެރޭޒް ލަންޑަނަށް އަންނަ ކަން ޔަގީންކޮށްފައެވެ.

ޑިޕޯޓިވޯ އިން ލޫކަސް ޕެރޭޒް އާސެނަލްއަށް ގެނެސްފައިވަނީ 17 މިލިޔަން ޕައުންޑުގެ އަގަކަށެވެ.

ސްޓަރައިކަރު ކުލަބަށް އަންނަކަން ކަށަވަރުކުރިތާ މާގިނައިރުތަކެއް ނުވެ ޖަރުމަނުވިލާތުގެ ޑިފެންޑަރު ޝްކޮދްރަން މުސްތާފީ ވެލެންސިއ އިން 35 މިލިޔަން ޕައުންޑުގެ އަގަކަށް އާސެނަލްއަށް ސޮއިކޮށްފައިވާކަން ކުލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

ތިން މެޗުން ހަތަރު ޕޮއިންޓު ލިބިފައިވާ އާސެނަލްގެ ސީޒަން ފެށުން ރަނގަޅު ވެފައިނުވިނަމަވެސް އެންމެ ފަހަކަށް ކުޅުނު މެޗުގައި މުހިއްމު ކުޅުންތެރިންނާއެކު އާސެނަލް ވަނީ މޮޅު ކުޅުމެއް ދައްކައި ފަސޭހަ މޮޅެއް ހޯދާފައެވެ.

ސޮއިކުރުމަށްފަހު ދެ ކުޅުންތެރިންވެސް ވަނީ އާސެނަލްއަށް އާދެވުމުން ވަރަށް އުފާވާކަމަށް ބުނެފައެވެ. އަދި މިސީޒަނުގައި ދެމީހުންގެ ފަރާތުންވެސް ކުލަބަށް މުހިންމު ރޯލެއް އަދާކުރެވޭނެ ކަމަށް ބުނެފައިވެއެވެ.