ސަލްމާން ހާންގެ އެންމެ ކާމިޔާބް ފިލްމްތަކުގެ ތެރޭގައި ހިމެނޭ 2009 ވަނަ އަހަރުގެ "ވޯންޓެޑް" އަށް ފަހު ސަލްމާން އާއި އެ ފިލްމްގެ ޑައިރެކްޓަރު ޕްރަބޫދޭވާ އާ ފިލްމެއްގެ މަސައްކަތް ފަށަން ހަމަޖެހިއްޖެ އެވެ.
މިކަން ފިލްމްގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ އަދި ވަކި ނަމެއް ހަމަޖެހިފައި ނުވާ އެ ފިލްމްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު ކަމަށެވެ.
"މި އަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ އެ ފިލްމަށް ސަލްމާންގެ ތާރީހުތައް ވެސް މިހާރު ވަނީ ކަނޑައެޅިފައި. އެހެންވީމާ ޕްލޭން ކުރެވިފައި އޮތް ގޮތަށް މަސައްކަތް ދާނެ ކަމުގެ ވަރަށް ބޮޑު ގެރެންޓީއެއް އެބަ އޮތް،" ރޭސް ފަދަ ކާމިޔާބް ފިލްްމްތައް ޕްރޮޑިއުސްކޮށްފައިވާ ރަމޭޝް ބުންޏެވެ.
ސަލްމާނާއި ޕްރަބޫދޭވާ އަލަށް މަސައްކަތް ފަށަން ތައްޔާރުވާ ފިލްމަކީ ކުރީ ފިލްމެކޭ އެއްގޮތަށް ރިމެކިންއެއްތޯ އެހުމުން ރަމޭޝް ބުނީ ރިމެކަކަށް ނުވަތަ އޮރިޖިނަލް ފިލްމަކަށް ވެސް އެ ފިލްމް ވެދާނެ ކަމަށެވެ.
"ސްކްރިޕްޓްގެ މަސައްކަތް ކުރިއަށް އެބަ ދޭ މިހާރު. އެހެންވެ ފިލްމާ ބެހޭ ގޮތުން މިވަގުތު މާ ބޮޑު ތަފުސީލެއް ދެވޭކަށް ނެތް. އަދި މި ފިލްްމަށް ބަތަލާ އެކު ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން،" ރަމޭޝް ބުންޏެވެ.
ސަލްމާންގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ކޮއްކޮ ސުހެއިލް ހާންގެ "ޝޭރް ހާން" އާއި "މެންޓަލް"ގެ އިތުރުން އަނީސް ބަޒްމީގެ "ނޯ އެންޓްރީ މޭ އެންޓްރީ" އާއި ސާޖިދް ނަދިއަދްވާލާގެ "ކިކް" ހިމެނެ އެވެ.